ސިޓާއިން ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓަރމިނަލްގައި ޓެކްނޮލޮޖީ ގިނަ ޚިދުމަތަކެއް ދަނީ ޤާއިމްކުރަމުންނެއެވެ. މި މަސައްކަތް ކުރަނީ ސަރުކާރާއި އެމްއޭސީއެލްއާއި ގުޅިގެންނެއެވެ.
ސޮސައިޓީ އިންޓަނޭޝަނަލް ޑި ޓެލެކޮމިއުނިކޭޝަންސް އެރޮނޮޓިކްސް، ސިޓާ އަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައިޓީ އާއި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ މަލްޓިނޭޝަނަލް އިންފޮމޭޝަން ޓެކްނޮލޮޖީ ކުންފުންޏެކެވެ.
އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޝަންސް، ޗެކްއިން އަދި ބޯޑިންއިން ފެށިގެން ބެގޭޖް ހެންޑްލިންގ އަދި ސެކިއުރިޓީއާ ހަމައަށް އެއާޕޯޓް ޕްރޮސެސްތައް ޓެކްނޮލޮޖީއިން މެނޭޖްކުރުމަށް ޚިދުމަތްތައް ހިމެނެއެވެ. ސިޓާއިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ޓެކްނޮލޮޖީގެ ގިނަ ޚިދުމަތްތަކެއް ޤާއިމްކޮށްފައެވެ.
ސިޓާއިން ވީއައިއޭގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސިޓާ އޭޝިއާ ސްޕެސިފިކްގެ ރައީސް ސުމޭޝް ޕަޓޭލް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް ޓަރމިނަލްގައި އެ ކުންފުނިން ޓެންނޮލޮޖީ ގޮތުން ގިނަ ޚިދުމަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އައު ޓަރމިނަލްގައި ބަހައްޓާފައިވާ ސެލްސް ސަރވިސް ކިއޮސްކުތަކާއި އެއަރޕޯޓު މެނޭޖްމަންޓު ސިސްޓަމްތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ސުމޭޝް ވިދާޅުވީ ވީއައިއޭގައި މިހާރުވެސް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކުރިއަށް އޮތް މުސްތަޤްބަލުގައި ބަޔޯމެޓްރިކް ސިސްޓަމް ފަދަ، ޓެކްނޮލޮޖީ އެތަކެއް ޚިދުމަތްތަކެއް ޤާއިމްކުރުން ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ ސިޓާގެ އަމާޒަކީ ދަތުރުފަތުރުގެ ކަންކަން ފަސޭހަކުރުމަށްޓަކައި މި ދާއިރާތަކުން އެމީހުންގެ ތަޖުރިބާ ގެނައުންކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ވީއައިއޭގައި ބަޔޯމެޓްރިކް ސިސްޓަމް ހެދުމުގެ މަސައްކަތް ހިމެނެ. މި ސިސްޓަމްއަކީ ދުނިޔޭގެ އެކި އެއަޕޯޓު ތަކުގައިވެސް އެ ކުންފުނިން ޤާއިމްކޮށްފައިވާ ސިސްޓަމްއެއް. މިއާއެކު އެއަޕޯޓު އޮޕްރޭޝަން އަދި ފަސިންޖަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ" ސުމޭޝް ޕަޓޭލް ވިދާޅުވިއެވެ.
ސުމޭޝް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ގުޅިގެން ޑިޖިޓަލް ޓްރާންސްފޯމަޝަން އެހެން ހަރުފަތަކަށް ގެންދިއުމަށް އެމްއެސް އަދި ކްލައުޑްފްލެކްސް ފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެމީހުންގެ ހިދުމަތްތައް އިތުރުކުރެވޭނެކަމަށް ވިދާޅުވިއެވެ.
މި ކުރިއެރުންތައް އަންނަނީ ހަމައެކަނި ވީއައިއޭ އަށް ނޫން ކަމަށާއި، ރާއްޖޭގެ ރިސޯޓްތަކަށް ވެސް މި ޚިދުމަތްތައް ފުޅާކުރެވިގެންދާނެކަމަށެވެ. މި ހަރަކާތުގައި ވަނީ އޭޖެންޓުންނާއި ކަސްޓަމަރުންނަށް އޮންލައިން ވެބްސައިޓްތައް މެދުވެރިކޮށް ސެލްފް ޗެކް އިން ޕްރޮސެސް ކުރިއަށް ގެންދާނެ ގޮތް ދައްކާލާފައެވެ.
1949ވަނަ އަހަރު ސިޓާގެ ޚިދުމަތް ފެށުނު ފަހުން ފާއިތުވި 76 އަހަރު ދުވަހު ޚިދުމަތް ދެމުން އަންނައިރު، ދުނިޔޭގެ ފެންވަރުގައި 4،900 މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެއެވެ. އަދި 2،500އަށް ވުރެ ގިނަ ކަސްޓަމަރުން އެ ބޯޑުގައި ދަނީ ހަރަކާތްތެރިވަމުންނެއެވެ. އެ ކުންފުންޏާ ގުޅިގެން 410އަށް ވުރެ ގިނަ އެއާލައިނާއި އެއާޕޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ.