ޚަބަރު

އެންޑޯރާ އަތުން އިންގްލަންޑް މޮޅުވެއްޖެ


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އިންގްލަންޑް މޮޅުވެއްޖެ އެވެ.

ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް ކޭ ގައި ކުޅުނު މި މެޗުން އިންގްލަންޑް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދައިފަ އެވެ.

އިންގްލަންޑުން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ޖުމްލަ އަށް ގޯލު ޖަހާފައިވާއިރު ބައިކޮޅަށް އަދި ލަނޑެއް ވަދެފައެއް ނުވެއެވެ.

އިންގްލަންޑްގެ ވިލާ ޕާކްގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި އިންގްލަންޑަށް ކުރި ލިބިފައިވަނީ އެންޑޯރާގެ ކްރިސްޓިއަން ގާސިއާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ.

މި މެޗުގައި އިންގްލަންޑުން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓުގައި ރީސް ޖޭމްސް އަރިމަތިން ނަގައިދިން ހުރަހެއް ޑެކްލަން ރައިސް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

އިންގްލަންޑްގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މި މެޗުގައި ނޮޓިންހަމް ފޮރެސްޓްގެ އެލިއޮޓް އެންޑަރސަންއަށް އިންގްލަންޑުގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދީފަ އެވެ.

ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު އިންގްލަންޑް ރަށުން ބޭރުގައި ނިކުންނާނީ ސާބިއާއާ ދެކޮޅަށެވެ.