ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އެރީނާ ސަބަލެންކާ ހޯދައި، މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސް އަށް އުފަން ސަބަލެންކާ މި މުބާރާތުގެ ތަށި ދިފާއުކޮށްފައިވަނީ މި މުބާރާތުގައި އަށްވަނަ އަށް ސީޑު ކޮށްފައިވާ އެމެރިކާގެ އަމަންޑާ އަނިސިމޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ބޮޑު މުބާރާތެއްގައި ފައިނަލުގައި ދެވަނަ ފަހަރަށް ކުޅުނު އަނިސިމޯވާ އާއި ދެކޮޅަށް ސަބަލެންކާ ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު އޭނާ މިހާތަނަށް ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތުގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ.
މި މުބާރާތުގެ ތަށި ހޯދުމަށްފަހު ސަބަލެންކާ ބުނެފައިވަނީ ދަތި އުނދަގޫ މެޗުތަކަށްފަހު މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބިގެންދާ ކަމަށެވެ.