އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައްވައިގެން ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެންސީއޭއިން ހާމަކުރައްވައިފިއެވެ.
އެންސީއޭއިން މިކަން ހާމަކުރެއްވީ މިއަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދެވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައެވެ.
ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައްވައިގެން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް އެންސީއޭއިން މިއަހަރު ކުރިއަށް ގެންދެވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި 6 އޮފީހަކުން ބައިވެރިވެފައިވެއެވެ. 10 އަހަރުގެ މެދު ކެނޑުމަކަށްފަހު މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދަވާ މި މުބާރާތް ކުރިއަށްގެންދަނީ އެންސީއޭއާއި ޕީއެސްއެމް ގުޅިގެންނެވެ.
މި ފަހަރުގެ މުބާރާތުގައި ދެ ކެޓްގަރީއަކުން ވަނަތައް ހޮވާފައިވެއެވެ. އެއީ ޖަޖުންނާއި ބެލުން ތެރިންގެ އެސްއެމްއެސްއިންނެވެ. މިއަހަރުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ އެމްޑަބްލިޔުއެސްސީން ގެނެސްދިން "ދެކޭގޮތް" ޑްރާމާއެވެ. ނަމަވެސް ބެލުންތެރިންގެ އެސްއެމްއެސްއިން އެންމެ މަޤްބޫލް ޑްރާމާއަކަށް ހޮވުނީ ފެނަކަ ކޯޕަރޭޝަންގެ "ފަންސަހައްޓި"އެވެ.
img:http://s2.psmnews.mv/images/660x400/14710560285958.jpg|އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2016 އިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ދެނީ- ފޮޓޯ: ޕީއެސްއެމް
މުބާރާތުން އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވިފައިވަނީ ކަސްޓަމްސް ގެ "ކޭތަ" ޑްރާމާގެ ބަތަލާ ޢާއިޝަތު ޔަޝްފާއެވެ. ޔަޝްފާ ވަނީ ބެލުންތެރިންގެ އެންމެ މަޤްބޫލް އެކްޓްރެސްގެ މަޤާމް ވެސް ހޯދާފައެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ ހައުސިން މިނިސްޓްރީގެ "ގެދޮރުވެރި" ޑްރާމާގެ އެކްޓަރ ޢަބްދުﷲ ޚަލީލެވެ. ބެލުންތެރިންގެ އެންމެ މަޤްބޫލް އެކްޓަރަކަށް ހޮވުނީ ފެނަކަ ކޯޕަރޭޝުން ގެނެސްދިން "ފަންސަހައްޓި" ޑްރާމާގެ އެކްޓަރު އަޙްމަދު އިސްމާޢީލެވެ.
އެންމެ މޮޅު ސަޕޯޓިންގް އެކްޓަރަކަށް ހައުސިންގް މިނިސްޓްރީގެ "ގެދޮރުވެރި" ޑްރާމާ އިން އިމްރާން މުޙައްމަދު ހޮވުނުއިރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކީ ކަސްޓަމްސްގެ ޑްރާމާއިން ފާތިމަތު މީނާޒްއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ދެއްކެވި ވާހަކައިގައި، ފިލްމްތަކާއި ޑްރާމާ ތަކަކީ އޭގެ ޒާތުގައި މީހުންގެ ސިކުނޑިތަކާއި ވަރަށް ބޮޑަށް ކުޅެލާ އެއްޗެއްކަން ފާހަގަކުރެއްވިއެވެ. އަދި، އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ވޮލެންޓިއަރުން ތިބެއްޖެނަމަ މި މުބާރާތުގައި ބައިވެރިވާ ފަރާތްތައް ގިނަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޑްރާމާއަށް އަދި އެނޫންވެސް ސްކްރިޕްޓްތައް ތައްޔާރު ކުރުމާއި އަދި މިފަދަ ޑްރާމާ ޑައިރެކްޓް ކުރުމާއި މިފަދަ ކަންތައްތަކަކީ މީހެއްގެ ކިބަގައި ވަރަށް ހަރުދަނާ ސިފަތަކާއި ވަރަށް ގިނަ ހުނަރުތައް އޭނާއަށް ލިބިފައިވާކަމެއް. އެހެންކަމުން އޮފީސްތަކުން މިކަން ކުރެވިގެން ދާއިރުވެސް އޮފީހުގެ މާހައުލުން ދުރުގައި މަސައްކަތް ކުރާއިރު ކުދިންނަށް ނުވަތަ ޒުވާނުންނަށް ބޭނުންވާނެ ހުނަރުވެރިކަން ލިބޭނެ ގޮތަށް ދުރާލައި ރޭވިއްޖެ ނަމަ އަޅުގަނޑު ދެކޭގޮތުގައި މިހާރަށްވުރެ އަދި ރަނގަޅު ފުރިހަމަ އުފެއްދުންތަކެއް އަޅުގަނޑުމެންނަށް ފެންނާނެކަމަށް ޤަބޫލު ކުރެވޭ". ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސީއޭގެ ކޯޑިނޭޓަރ އަޙްމަދު ޢަލީ ވިދާޅުވީ، އޮފީސް ތަކުގެ ޓެލެޑްރާމާ މުބާރާތަކީ ފިލްމީ ދާއިރާއަށް ވަރަށްގިނަ ހުނަރުވެރި ފަންނާނުން އުފަންކޮށްފައިވާ މުބާރާތަކަށް ވާތީ މި މުބާރާތުގެ އެންމެ ބޮޑު މަޤްސަދަކީ އެފަދަ މޮޅު ހުނަރުވެރި ފަންނާނުން އަލުން އަނބުރާ ވުޖޫދަށް ގެނައުންކަމަށެވެ. ކުރިއަށްއޮތްތަނުގައި މި މުބާރާތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އަޙްމަދު ޢަލީ ވިދާޅުވިއެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ކުރިއަށް ކަންތައްތަކެއް ރޭވިފައި އެބަހުރި. އޭގެތެރެއިން މި ޑްރާމާ މުބާރާތް އޮފީސްތަކުން ބޭރަށް މާލޭގެ ދުލި ފަޅާލުމަށްފަހު މުޅި ރާއްޖެއަށް ގެންދިއުމަށް އަޅުގަނޑުމެން މިދަނީ ރާވާ އިށީންނަންޖެހޭ ފަރާތްތަކާ އެއްކޮށް އިށީންދެ މަޝްވަރާ ކުރަމުން. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤްބަލެއްގައި މި ޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލެވިގެންދާނެ." އެންސީއޭގެ ކޯޑިނޭޓަރ އަޙްމަދު ޢަލީ ވިދާޅުވިއެވެ.
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ ފާހަގަކުރަން އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެކިއެކި އޮފީސްތަކުން މުނިފޫހި ފިލުވުމުގެ ތަފާތު އައިޓަމްތައް ވެސް ހުށަހަޅައިދީފައިވެއެވެ.