އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން މުހިންމު ދެ ބަދަލެއް ގެންނެވުމަށް ނިންމަވާފައެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީގެކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ %5ދެގުނަ ބޮޑުކޮށް، %10 އަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަނެއް ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސަކީ ކޮމިޓީގެ ބަޖެޓުން ދޭ އެއްޗެއްގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާ އެލަވަންސަކަށް ހެއްދެވުމެވެ.
މި ބަދަލުތައް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ތިރީގައިވާ 2 ބަދަލު ގެނައުމަށް ވާނީ ނިންމާފައި:
— Dr Mohamed Muizzu (@MMuizzu) September 5, 2025
ް1. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން…
ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާ އެއްދާއިރާއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެގޮތުން ފުރަތަމަ ފަހަރަށް ކޮމިޓީގެ މެމްބަރުންނަށް ރޯދަ އެލަވަންސްދޭން ނިންމަވާ އެލަވަންސް ދެއްވާފައިވަނީ މިއަހަރުގެ ރަމަޟާން މަހުގައެވެ. އަދި އެކޮމިޓީގެ މެމްބަރުންނަށް ލިބޭ އެލަވަންސަކީ ރަސްމީ މުސާރައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ކޮންމެ އަހަރަކަށް ދައުލަތުން ލަފާކުރާ އެއަހަރުގެ ބަޖެޓުގައި ހިމަނާ ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓުގެ ތަފްސީލް މާލީ ވުޒާރާއަށް ހުށައަޅަންޖެހެއެވެ. މިގޮތުން މާލީ ވުޒާރާއިން މިހާރުވަނީ ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތަފްސީލްތައް މާލީ ވުޒާރާއަށް މިމަހުގެ 18 ގެ ކުރިން ހިއްސާ ކުރުމަށް އަންގަވާފައެވެ.
މާލީ ވުޒާރާއިން މިހާރު ބަޖެޓުގެ މަސައްކަތް ކުރުމަށް އެކުލާވާލާފައިވާ ޓައިމްލައިންގައި ވާގޮތުން ޖުމްލަ ބަޖެޓަށް ރުހުން ހޯދުމަށް ވަޒީރުންގެ މަޖީލީހަށް 19 އޮކްޓޯބަރ އާއި 23 އޮކްޓޯބަރ ދެމެދު ހުށަހަޅާނެއެވެ. އަދި އޮކްޓޯބަރ 30 ގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވަނީ ނިންމާފައެވެ.