ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭން: ޤާނޫނީ ބާރުވެރިކަމާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭނެ


  • އަމާޒަކީ ރައްޔިތުންގެ އިތުބާރުއޮތް ޕްލޭނެއް އެކުލަވާލުން

  • މި ޕްލޭނަކީ ޢިލްމީ ދިރާސާއާއި ރައްޔިތުންގެ ޚިޔާލަށް ބިނާކޮށް ހަދާ ޕްލޭނެއް

ކުރިއަށް އޮތް 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަކީ، ތަރައްޤީވެފަވާ ޤައުމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ކުރިމަގު ބިނާވެގެންދާނެ ގޮތުގެ ތަޞައްވުރެވެ.

މި ޕްލޭން އެކުލަވާލަނީ މިނިވަން ކޮންސަލްޓަންސީ ފާމަކާ ހަވާލުކޮށްގެންނެވެ. މި ޕްލޭން ވެގެންދާނީ އާއްމު ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އެކިއެކި ޢިލްމީ ދިރާސާތަކަށް ބިނާކޮށް ތަރައްޤީކުރާ ޤައުމީ ތަރައްޤީގެ ޕްލޭނަކަށެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލީ ވުޒާރާގެ މީޑިއާ ރިލޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވީ މި ޕްލޭންގެ މުހިންމުކަމަކީ މި ޕްލޭނަކީ ރައްޔިތުންގެ ފުރިހަމަ ޝާމިލްވުން އޮވެގެން އުފައްދާ ޕްލޭންއަކަށްވުމެވެ. އެގޮތުން ރައްޔިތުންގެ އަޑާއި ސްޓޭކް ހޯލްޑަރުންގެ އަޑު އަދި އެކި މަޝްވަރާތައް މި ޕްލޭންގައި ހިމެނޭނެކަމަށް ވިދާޅުވިއެވެ. އިފާދު ވިދާޅުވީ މިއީ ދެފުށްފެންނަ ޕްލޭނެއްކަމަށާއި އަމާޒަކީ ރައްޔިތުންގެ އިތުބާރުއޮތް ޕްލޭނެއް އެކުލަވާލުންކަމަށެވެ.

ދުރުރާސްތާ ޕްލޭނެއް ތައްޔާރުކުރާއިރު އެއަށް ޤާނޫނީ ބާރުވެރިކަން ލިބުމަކީ ވަރަށް މުހިންމުކަމެއްކަން އިފާދު ފާހަގަކުރެއްވިއެވެ. އެގޮތުން އެކި ސަރުކާރުތައް ބަދަލުވިނަމަވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެކުލަވާލާފައިވާ ދެފުށްފެންނަ އަދި ޤާނޫނީ ބާރުވެރިކަން ލިބިފައިވާ ޕްލޭނަކަށް ބަދަލެއް ނާންނާނެކަމަށް އިފާދު ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ޕްލޭން ތައްޔާރު ވަމުންދާއިރު 2045އަކާއި ހަމައަށް އަންނައިރު ރައްޔިތުންގެ ޝާމިލްވުން އޮތް ޕްލޭނެއް އޮތުން، އެ ޕްލޭންގެ މައްޗަށް ދެން އަންނަ ސަރުކާރުންވެސް މެނިފެސްޓޯތައް ބިނާ ކުރާނީ. އޭގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އަޅުގަނޑުމެންގެ އިޤްތިސޯދުގެ ތެރެއިން ހާއްސަކޮށް ދައުލަތުގެ ބަޖެޓަށް ލުއިވެގެން ދިޔުން. ހާއްސަކޮށް ސަރުކާރުގެ ސިޔާސަތުގައިވާ ރައްޔިތުންގެ އިތުބާރު ބޮޑުތަނުން ބޮޑުވެގެންދިޔުން" އިފާދު ވިދާޅުވިއެވެ.

އިފާދު ވަހީދު ވިދާޅުވީ ޤައުމަށް ދުރުރާސްތާ ތަރައްޤީގެ ޕްލޭނެއް މުހިންމުވާ ސަބަބަކީ ސަރުކާރުތައް ބަދަލުވެ، ސިޔާސަތުތައްވެސް ބަދަލުވެގެން ދާއިރު މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެގެންދާތީކަމަށެވެ. މިއާ ހިލާފަށް ޤައުމީ ޕްލޭނެއް އެކުލަވާލެވި އަދި ޤާނޫނީ ބާރުވެރިކަން އޮންނަ ކަމަށްވަންޏާ ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރާނީ ޤައުމީ ސިޔާސަތުތަކެއް ކުރިއަށް ނެރެގެންކަމަށް އިފާދު ވިދާޅުވިއެވެ. އިފާދު ވިދާޅުވީ ޤާނޫނީ ބާރުވެރިކަން ލިބިގެން ދިޔުމުން އެކަމުގެ ފައިދާ އޮތީ ރައްޔިތުންނަށްކަމަށެވެ. ސަބަބަކީ ރައްޔިތުންގެ ފައިސާ އެންމެ އެދެވޭ ގޮތެއްގައި ހޭދަކުރެވެން އަންނަނީ ދުރުރާސްތާ ޕްލޭނެއް އެކުލަވާލެވިގެންކަމަށެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާ ކޮންސަލްޓަންޓް ނެކްސިއާ މޯލްޑިވްސްއިން މިހާރު ވަނީ، ޢިލްމީ ދިރާސާތަކާ ހޯދުންތަކަށް ބިނާކޮށް ޚިޔާލުތައް ހުށައެޅޭނެ މަގުވެސް ފަހިކޮށްދީފައެވެ. މި ޕްލޭންއާއި ގުޅޭގޮތުން ނެކްސިޔާ މޯލްޑިވްސް ސްކޭޓް ހޯލަޑަރ ސްޕެޝަލިސްޓު މަރިޔަމް ވަހީދާ ވިދާޅުވީ ނެކްސިޔާ މޯލްޑިވްސްއިން އެންމެ އިސްކަމެއްދޭކަމަކީ ރައްޔިތުންގެ ހިޔާލު މިކަމުގައި އެންމެ ފުރިހަމައަށް ހޯދުންކަމަށެވެ. މި ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މި ހޮނިހިރު ދުވަހު ރަށްތަކަށް ދަތުރުކުރަން ފަށާނެކަަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. އެގޮތުން ރަށުގެ އާންމު ހިދުމަތްދޭ ތަންތަނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި މަޝްވަރާކުރެވި މައުލޫމާތު އެއްކުރެވޭނެކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

"މި ސަޓަރޑޭގައި މި ފަށަނީ ރަށްރަށައް ދަތުރުކުރަން. ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް އެ ބޭފުޅުންގެ މައުލޫމަތުގެ މައްޗައް ބިނާކޮށް ޑޭޓާ އެކުލަވާލެވޭނެ، މި މަސައްކަތުގެ އެންމެ މުހިންމު ބަޔަކީ ރައްޔިތުންދޭ މައުލޫމާތު" މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލެވިގެން ދިޔުމާއެކު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ހުރި ހުރަސްތައް މަދުކުރެވިގެންދާނެއެވެ. އަދި ދައުލަތުގެ ބަޖެޓަށް އޮތް ބުރަ ކުޑަކުރެވި ތަރައްޤީގެ މަސައްކަތްތައް ހަލުވި ކުރުމަށް މަގުފަހުވެގެންދާނެއެވެ.