ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ޗިލީ އާއި ދެކޮޅަށް ބްރެޒިލް ނިކުންނާނީ އެޓޭކަށް އިސްކަން ދީގެން ހަތަރު ފޯވަޑުން ހިމެނޭ ގޮތަށް ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ބުނެފި އެވެ.
އަންނަ އަހަރު އެމެރިކާ, މެކްސިކޯ އަދި ކެނެޑާގައި ގުޅިގެން ބާއްވާ ވޯލްޑްކަޕްގެ ކޮލިފައިންގެ ފަހު ދެ މެޗަށް ބްރެޒިލް ތައްޔާރުވަމުންދާއިރު އެ ގައުމު އޮތީ މިހާރުވެސް ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޗެލޮއްޓީ ބުނެފައިވަނީ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ އޮގޮތަށް ކުޅުންތެރިން ތަމްރީނު ކޮށްފައިވާ ކަމަށާއި މި މެޗުގައި ޗިލީ އާއި ދެކޮޅަށް ނިކުންނާނީ އެޓޭކަށް އިސްކަން ދީގެން ކަމަށެވެ.
"އަހަރެން ކުޅުންތެރިން ޓެސްޓްކޮށްފިން. މީގެ އެންމެ މުހިންމު ބޭނުމަކީ އެންމެ ފަހުން ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ގެންގުޅުނު ގޭމް ޕްލޭނަށް މާބޮޑެތި ބަދަލުތަކެއް ނުގެނެސް މި މެޗުގައި ކުޅުން." އެންޗެލޮއްޓީ ބުންޏެވެ.
ޗިލީ އާއި ބޮލީވިއާ އާއި ދެކޮޅަށް ބްރެޒިލް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ނޭމާ އާއި ވިނިޝިއަސް ޖޫނިއަރ އަށް ފުރުސަތު ދީފައިނުވާއިރު, މި ދެ މެޗުގައި ބްރެޒިލްގެ އެޓޭކް ބަލަހައްޓާނީ އެސްޓެވާއޯ ވިލިއަމް އާއި ގެބްރިއެލް މާޓިނޭލޯ އަދި ޖޮއާއޯ ޕެޑްރޯގެ އިތުރުން ރަފީނިއާ އެވެ.
ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށްފަހު އަންނަ ހަފްތާގައި ރަށުން ބޭރުގައި ބްރެޒިލް ނިކުންނާނީ ބޮލީވިއާ އާއި ދެކޮޅަށެވެ.