ޚަބަރު

އިންޑޮނޭޝިޔާގެ މުޒާހަރާތައް ހޫނުވެ ފުލުހުން ކަރުނަ ގޭހާއި ރަބަރު އުނޑަ ބޭނުން ކުރަނީ


އިންޑޮނޭޝިޔާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ފުލުހުން ކަރުނަ ގޭހާއި ރަބަރު އުނޑަ ބޭނުން ކުރަން ފަށައިފިއެވެ. އިންޑޮނޭޝިޔާގެ ފުލުހުން މި ތަކެތި ބޭނުންކޮށްފައި ވަނީ ބޫންޑޮންގ ސިޓީގެ ދެ ޔުނިވަސިޓީއެއް ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކެއްގައެވެ.

އިންޑޮނޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ބޮޑު މުސާރައާއި ދައުލަތުން ބައެއް ކަންކަމަށް ކުރަމުންދާ ޚަރަދާމެދު ނުރުހުން ފާޅު ކުރުމަށް އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި މުޒާހަރާތައް ފަށާފައި ވަނީ އޮގަސްޓު މަހުގެ 25ވަަނަ ދުވަހުއެވެ. އެ މުޒާހަރާތައް ހޫނުވެ އެ ސަރަޙައްދުގައި މިހާރު ހަޅުތާލުކުރުމާއި ލޫޓުވުން އިތުރުވެފައި ވަނީ ފުލުހުންގެ ވެހިކަލަކުން ޢާންމުންގެ މީހެއްގެ ގައިގައި ޖެހި އެ މީހާ މަރުވުމުންނެވެ. އެ މުޒާހަރާތަކުގެ ސަބަބުން ޖަކާޓާއަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފައެވެ. ފާއިތުވި ހަފްތާގެ ތެރޭގައި މުޒާހަރާތަކުގައި 10 މީހުން މަރުވެފައިވެއެވެ.

އިންޑޮނޭޝިޔާގެ ޑިމޮކްރަސީ ކުރިއެރުވުމުގައި މައިގަނޑު ގޮތެއްގައި އަބަދުވެސް ޙަރަކާތްތެރި ވަނީ އެ ޤައުމުގެ ޔުނިވަސިޓީތަކުގެ ދަރިވަރުންނެވެ. 1998ވަނަ އަހަރު އެ ޤައުމުގެ އޭރުގެ ހުދުމުހުތާރު ރައީސް، ސުހާޓޯ ވެރިކަމުން ދުރުކޮށްފައި ވަނީ ދަރިވަރުން އިސްވެ ކުރިއަށް ގެންދިޔަ މުޒާހަރާތަކެއްގައެވެ.

ބޫންޑޮންގުގައި ކުރަމުންދާ މުޒާހަރާގައި އިންޑޮނޭޝިޔާގެ ފުލުހުން ރަބަރު އުނޑަ ބޭނުންކޮށްފައިވާ އިރު، މިއީ ފަހުގެ މުޒާހަރާތައް ރޫލައިލުމަށް އެ ފަދަ ސަރަޙައްދެއްގައި ފުލުހުން ރަބަރު އުނޑަ ބޭނުންކޮށްފައިވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޒާހަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ އިމާރާތްތަކާއި ސަރުކާރުގެ ވެރިންގެ ގެކޮޅުތައް ކައިރީގައެވެ. އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވަނީ މުޒާހަރާތައް ހޫނުވުމަށް ފުލުހުންނާއި އަސްކަރިއްޔާއިން ފުރުޞަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ހެންދްރާ ރޮޝްމަވަން ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީ އޮފް ބޫންޑޮންގ، އަދި ޕަސުންޑަން ޔުނިވަސިޓީގެ ކެމްޕަހުގެ ތެރެއަށް ފުލުުން ވަދެފައި ނުވާ ކަަމަށެވެ. ނަމަވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ ދަރިވަރުންގެ ގޮތުގައި ނުހިމެނޭ މީހުން އެ ސަރަޙައްދުން ފޮނުވައިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިސްލާމިކް ޔުނިވަސިޓީ އޮފް ބޫންޑޮންގުގެ ދަރިވަރުން ބުނީ ސަލާމަތީ ބާރުތަކުން ސަރުކާރާ ދެކޮޅު ފިކުރުތައް ފާޅުކުރާ މީހުންގެ އަޑު ކަނޑުވައިލަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ކެމްޕަހަށް ފުލުހުން ވަރަށް އަނިޔާވެރިކޮށް ޙަމަލާދީފައިވާ ކަމަށެވެ. ޕަސުންޑަން ޔުނިވަސިޓީގެ ދަރިވަރުން ވެސް ވަނީ ހަމަ އެ ގޮތަށް ބުނެފައެވެ. އެ ޔުނިވަސިޓީގެ އިސްލާމިކް ސްޓޫޑެންޓްސް ޔޫނިއަންގެ ރައީސް، ރަވީވް ތުއަންކު އަލްސަޢީދު ބުނީ ކެމްޕަސްތަކަކީ މިހާރު ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ރަބަރު އުނޑަ އެރުމުގެ ސަބަބުން އެ ޔުނިވަސިޓީގެ ދަރިވަރެއްގެ ޙާލު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށާއި، އޭނާގެ ސާަޖަރީއެއް މިހާރު ހަމަދަމުންދާ ކަމަށް ރަވީވް ބުންޏެވެ.

ޕަސުންޑަންގެ ދަރިވަރެއް ކަމަށްވާ ޔޯގާ ތަދިޔަލަގާ ރުޝިޔަތު ބުނީ ދަރިވަރުން ތިބީ ވަރަށް ހިިތްހަމަނުޖެހިފައި ކަމަށާއި އެ ކެޕްމަހުން 40އަށްވުރެ ގިނަ ކަރުނަ ގޭސް ކެނިސްޓަރު ފެނިފައިވާ ކަމަށެވެ. އެ ދަރިވަރުން އެ ސަރަޙައްދުގައި ތިބީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެެއްޖެ ޙާލަތެއްގައި ޕެރެމެޑިކުންގެ ހައިސިއްޔަތުން އެހީތެރިވާން ކަމަށްވި އިރު، ފުލުހުން އެ ދަރިވަރުންނަށް އަމާޒުކޮށް ވެސް ކަރުނަ ގޭސް ޖަހާފައިވާ ކަމަށް އޭނާ ބުންޏެވެ.

ރައީސް ސުބިއަންތޯ ވަނީ ލޭބަރ ޔޫނިއަންތަކާ ބައްދަލުކުރައްވައި، މަސައްކަތްތެރިންނާބެހޭ ޤަަވާއިދުތަކާމެދު މަޝްވަރާ ކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ޔޫނިއަންތަކަކީ މުޒާހަރާތަކުގައި ބައިވެރިވެ މަސައްކަތްތެރިންނަށް ދޭ އެންމެ ދަށް އުޖޫރަ މަތި ކުރުމަށް ގޮވާލާފައިވާ ޔޫނިއަންތަކެވެ.

އޮންޑޮނޭޝިޔާ ޓްރޭޑް ޔޫނިއަން ކޮންފެޑެރޭޝަންގެ ރައީސް، ސަޢީދު އިޤްބާލް ވިދާޅުވީ މަސައްކަތްތެރިން އެދޭ ކަންތައްތައް ރައީސްއާ ޙިއްޞާކޮށްފައިވާ ކަމަށެެވެ. އޭގެ ތެރޭގައި އާމްދަނީން ނަގައި ޓެކްސް ކުޑަކުރުމާއި ކުޑަ އުޖޫރައަކަށް މަސައްކަތްކުރުވުން ހުއްޓުވުމާއި ވަޒީފާތައް އައުޓްސޯސް ކުރުން ހުއްޓުވުން ހިމެނެއެވެ.

މިއީ 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ސުބިއަންތޯގެ ވެރިކަމުގެ ފުރަތަމަ އަހަރު ކަމަށްވާއިރު، މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ސަރުކާރަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.