ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ


ގެއްލިގެން ހޯދަމުންދިޔަ "ކޮލަމާ" ބޯޓު"ގެ ކެޕްޓަން ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ކޮލަމާ ބޯޓު ފެނިފައިވާކަމަށާއި، އެ ބޯޓުގެ ކެޕްޓަން ގއ. ކޮލަމާފުށީ، ދޮންވެލި، އުމުރުން 66 އަހަރުގެ އާދަމް ސައީދު ފަރުވާއަށް ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވެފައިވާކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓަކީ މާލެއިން ފުރައިގެން ގއ. ކޮލަމާފުއްޓަށް ދަތުރުކުރި ބޯޓެވެ. އެ ބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:25 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކޮލަމާ ބޯޓު ފެނިފައިވަނީ ގއ. އަތޮޅުގެ އެކެފަރަ ސަރަޙައްދުންކަމަށެވެ.

ނަމަވެސް ބޯޓު ގެއްލުނީ ކީއްވެގެންކަަމާއި، ބޯޓު ކެޕްޓަނަށް ދިމާވި ސިއްޙީ މައްސަލައިގެ އެއްވެސް ތަފްސީލު ފުލުހުން އަދި ހާމަނުކުރައްވައެވެ.

މިމައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.