އަފްޣާނިސްތާނަށް އިރުމަތީ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އައިސް 622 މީހުން މަރުވެ، އިތުރު 1,500އަށްވުރެ ގިނަ މީހުންނަށް އަނިިޔާވެއްޖެއެވެ. ރިކްޓަރ މިންގަނޑުން 6ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ އިރުމަތީގައި އޮތް ކޫނާރާއި ނަންޣަރްހަރް ޕުރޮވިންސަށެވެ. ބިންހެލުމާ ގުޅިގެން އަނިޔާވެފައިވާ މީހުން ހަސްފަތާލުތަކަށް ގެންގޮސް ފަރުވާ ދިނުމަށް އެ ޤައުމުގެ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ބިންހެލުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ހާދިސާއާ އެކު، މިހާރު ވެސް ވަސީލަތްތަކާއި މާލީ ދަތިކަން ކުރިމަތިވެ، އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ އަފްޣާނިސްތާނަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަފްޣާނިސްތާނަށް މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައި ވަނީ ބޭރުގެ އެހީ ހުއްޓައިލުމާ ގުޅިގެންނެވެ.
އަފްޣާނިސްތާނުގައި މި ވަގުތު ވެރިކަން ކުރަނީ ޠާލިބާނެވެ. ޠާލިބާން ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނީ، ހެލިކޮޕްޓަރު ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ބިންހެލުމުގައި އަނިޔާވި މީހުން ހަސްފަތާލުތަކަށް އުފުލުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް މަތީން ޣަނީ ބުނީ، ބިންހެލުމުގައި ގެދޮރު ވެއްޓިފައިވާ ސަރަޙައްދުތަކަށް އިތުރު ޓީމުތައް ފޮނުވައި، ކާބޯތަކެއްޗާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ބިންހެލުމުގެ އަސަރު އަފްޣާނިސްތާންގެ ވެރިކަން ކާބުލްގެ ރަށްބޭރަށް ވެސް ކުރިއެވެ. އެ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ކާބުލްގެ ޞިއްޙީ އިދާރާއިން ބުންޏެވެ. 2022ވަނަ އަހަރުގެ ޖޫން މަހު ވެސް އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައެވެ. ރިކްޓަރ މިންގަނޑުން 6.1ގައި ރެކޯޑު ކުރެވިފައިވާ އެ ހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 1,000އަށްވުރެ ގިނަ މީހުން މަރުވިއެވެ.
މި ފަހަރުގެ ބިންހެލުމާ އެކު ކޫނާރް ޕުރޮވިންސުގެ ތިން އަވަށެއްގެ ހުރިހާ ގެދޮރެއް ވަނީ ވެއްޓި، ސުންނާފަތިވެފައެެވެ. ބިންހެލުމުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެސް އެ ޕުރޮވިންސުންނެވެ. އެ ސަރަޙައްދުން 612 މީހުން މަރުވެފައިވާއިރު، ނަންޣަރްހަރުން އިތުރު 12 މީހުން މަރުވި ކަމުގައި ރެކޯޑުތަކުން ދައްކައެވެ.
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް، އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ގެއްލިފައިވީ ނަމަވެސް، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ދުނިޔެއިން ތެދުވެފައެއް ނެތެވެ. "މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ނުވަތަ އެހީދިނުމުގެ މަސައްކަތަށް ބޭރުގެ އެއްވެސް ސަރުކާރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ހުށަހަޅާފައެއް ނެތް،" އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ބުންޏެވެ. އަފްޣާނިސްތާނަކީ ބިންހެލުންތައް ޢާންމު ސަރަހައްދެއްގައި އޮންނަ ޤައުމެކެވެ.