ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ތެރެއިން މުބާރާތްތައް ފެށުމުން އުންމީދަކީ މުޅި ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅެވިގެން ދިޔުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް ( އެފްއޭއެމް) ގެ ރައީސް އަހުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ކުޅުވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވުމުން ޠާރިޤު ވިދާޅުވީ ރީޖަނަލް މުބާރާތް ތަކުގެ ގަދަ ހަތަރު ޓީމު މެދުގައި މެޗުތައް ކުޅެވިގެންދާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ. ރީޖަނަލް ލީގުގައި ވާކުރާ ޓީމުތަކާއި ހިސާބަށް ދާއިރު ފައިސާގެ ގޮތުން ދަތަތިކެއް ހުރަދާނެ ކަމަށާއި ފައިސާ ހަރަދު ކުރެވޭނެ ނިޒާމެއްގެ އެހީތެރިކަމެއް ޓީމުތަކަށް ބޭނުންވާނެ ކަމަށް ތާރިޤް ވިދާޅުވިއެވެ.
ޠާރިޤު ވިދާޅުވީ އުންމީދަކީ ޕްރިމިއަރ ލީގަށް އަތޮޅުތަކުގެ ޓީމުތައް ކޮލިފައިވާ ހިސާބުން ލީގުގެ ފޯމެޓް ހޯމް އެންޑް އަވޭއަށް ބަދަލުކުރުން ކަމަށެވެ.
ރަށްރަށުގެ ޓީމުތަކުގެތެރެއިން އެ ރަށަކަށް ނިސްބަތްވާ ޓީމުތައް އުފެދި ލީގުގައި ވާދަކުރާނަމަ އޭގެ ފަހަތުގައި ސަޕޯޓަރުން ތިބޭނެކަމަށް ޠާރިޤު ވިދާޅުވިއެވެ. ތާރިޤް ވިދާޅުވީ ރަށްރަށަށް ނިސްބަތްވާ ޓީމުތައް މޮޅުވަމުންދާނަމަ އެ ފޯރި އަންނާނެ ކަމަށެވެ. އޭރުން އެފޯރި އަންނާނީ އެ ރަށްރަށުގެ އައިޑެންޓިޓީއާ އެކު ކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.
"މިސާލަކަށް ކުޅުދުއްފުށި ނުވަތަ ހއ. ދިއްދޫގެ ބޭފުޅަކު ދިއްދޫ ޓީމު ކާމިޔާބުކުރަން އެދޭނެ، އެރަށުގެ ކުދިން ކުޅޭތަން ބަލަންވެސް ދާނެ، ވާގޮތް ޓީވީއިން ވެސް ބަލާނެ، އަޅުގަނޑު ގަބޫލުކުރަނީ މި ފަހަރު ކޮންމެ ވެސް އެއްޓީމެއް އަތޮޅު ތެރެއިން އަންނަ އަހަރު ލީގަށް ވަންނާނެ ކަމަށް." ޠާރިޤު ވިދާޅުވިއެވެ.
ޠާރިޤު ވިދާޅުވީ އަތޮޅުތަކުން ލީގަށް އަންނަ ޓީމުތައް ލީގުގައި ވާދަކުރުމުގެ ފެންވަރު ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭގެ ސަބަބުން ދިވެހި ޕްރިމިއަރ ލީގުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.