ކުޅިވަރު

ޔުނައިޓެޑް މޮޅުނުވަނީ މާ ބޮޑަށް ދިފާއަށް އިސްކަންދޭތީވެ: ކޯޗު


މި ސީޒަނުގައި ކުޅުނު މެޗުތަކުން މިހާތަނަށް މޮޅުނުވެވިފައިވަނީ މާ ބޮޑަށް ދިފާއަށް އިސްކަންދޭތީ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުންނެވެ. އޭގެ ކުރިން އާސެނަލް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

އަމޮރިމް ބުނީ މި ސީޒަނަށް ރަނގަޅު ހޭދައެއްކުރި ޓީމު މާ ބޮޑަށް ދިފާއުކުރަނީ ކަމަށެވެ.

"މިއަށްވުރެ ގަޔާންވެގެން އަދި މިއަށްވުރެ ވިސްނުންތެރިކަމާއެކު ކުޅެން އެބަޖެހޭ. މާބޮޑަށް ދިފާއުކޮށް ވިސްނާތީވެ އަހަރުމެންނަށް ބައެއް ފަހަރު ގޯސް ހެދޭ. (ފުލަމް މެޗުގައި) ލީޑު ލިބުމުން ދެން ތިބެވުނީ. މިގޮތަށް ނުވެ އަހަރުމެން އެބަޖެހޭ މެޗު ނިންމަން ހިފަން،" ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ހުސްވި ސީޒަނުގައި ތާވަލުގެ 17 ވަނާގައި ނިންމާލި ޓީމަށްވުރެ ހުރިހާ ގޮތަކުންވެސް ޔުނައިޓެޑް ކުރިއަރައިފި ކަމަށެވެ.

"އަހަރެންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޅި ހަފުތާގައިވެސް ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރުން. ކުރިއަރަން މަސައްކަތް ކޮށްފި. ވަރަށް ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވިއްޖެ. އެހެންވީމާ އަހަރެން މިހުރީ ވަރަށް އުއްމީދުގައި ކުރިއަށް ހުރި މެޗުތައް ރަނގަޅުވާނެ ކަމަށް،" ކޯޗު ބުންޏެވެ.

ފުލަމް މެޗުގައި ކެޕްޓަން ބުރޫނޯ ފެނާންޑޭޒް އަތުން ޕެނަލްޓީ ވަނީ ކާމިޔާބުވެފައެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަމޮރިމް ބުނީ ފެނާންޑޭޒް ހުރީ ވަރަށް ޕްރެޝަރުގައި ކަމަށެވެ.

"އެހެންޏާ އޭނާ އަކީ ރަނގަޅަށް ޖަހާ ކުޅުންތެރިއެއް. އެކަމަކު އަހަރުމެންނަށް މި ވާގޮތަކީ މާބޮޑަށް ފަހަތަށް އަދި ކުރިން ވެފައިހުރި ކަންކަމާ ވިސްނެނީ. ދެން ވެދާނެ ގޮތަކާމެދު މާބޮޑަށް ފިކުރު ކުރެވެނީ. މިހެންވެ މާބޮޑަށް ޕްރެޝަރަށް ދަނީ. މިއަށްވުރެ ބޮޑެތި މީހުންގެ ގޮތުގައި ވިސްނަން ޖެހޭ،" ކޯޗު ބުންޏެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދެން އޮތީ ބާންލީއާ ދެކޮޅަށް މި މަހުގެ 30 ވަނަ ދުވަހު ކުޅޭ މެޗެވެ.