ކުޅިވަރު

ސަކާއަށް ދެން ކުޅެވޭނީ ހަތަރު ހަފުތާ ފަހުން


އާސެނަލްގެ ފޯވާޑް ބުކަޔޯ ސަކާއަށް އަނިޔާވެ، ހަތަރު ހަފުތާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މި އަނިޔާގެ ސަބަބުން ލީގު ޗެމްޕިއަން ލިވަޕޫލްއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުވެސް އޭނާއަށް ގެއްލޭނެ އެވެ. އަދި ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެންޑޯރާ އާއި ސާބިއާއާ ދެކޮޅަށް އިނގިރޭސި ގައުމީ ޓީމު ކުޅޭ ދެ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ އެވެ.

އުމުރުން 23 އަހަރުގެ ފޯވާޑަށް އަނިޔާވީ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން 5-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައެވެ.

މީގެ އިތުރުން ކެޕްޓަން މާޓިން އޮޑެގާޑަށްވެސް ލިވަޕޫލްއާ ދެކޮޅަށް ކުޅެވޭނެކަން ޔަގީނެއް ނޫނެވެ.
އޭނާގެ ކޮނޑުހުޅަށް ވަނީ އަނިޔާވެފައެވެ. މިއަށްވުރެ އާސެނަލް ކަންބޮޑުވެފައިވަނީ ސަކާގެ އަނިޔާއާ މެދުގައެވެ. އޭނާ އަކީ ހުސްވި ސީޒަނުގައިވެސް ތިން ހަފުތާ ވަންދެން ނުކުޅެ ހުންނަން ޖެހުނު ފޯވާޑެކެވެ.

ގާތްގާތުގައި އޭނާއަށް އަނިޔާވުމުން އާސެނަލް ކަންބޮޑުވި މައިގަނޑު މައްސަލަ އަކީ އެޓޭކިން ލައިނުގެ މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުމެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފޯވާޑް ގަބްރިއަލް ޖެސޫސް އާއި، ކައި ހަވާޓްޒްވެސް ހިމެނެއެވެ. އަދި ގަބްރިއަލް މާޓިނެއްލީ އާއި، ލިއޮނާޑޯ ޓްރޮސާޑް އާއި، އީތަން އެންވަނޭރީ އަދި މެކްސް ޑައުމަންވެސް މުޅިން ފިޓެއް ނޫނެވެ.

މިހެންވެ އިތުބާރު ފޯވާޑަކަށް މި ވަގުތު ކުރީގައި ހުރީ މި ސީޒަނަށް ޕޯޗުގަލްއިން ގެނައި ފޯވާޑް ވިކްޓަރ ޔޯކެރެޝްއެވެ.