ޚަބަރު

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އުރީދޫއަށް


  • އުރީދޫއަކީ ރާއްޖޭގެ މުއާޞަލާތީ ދާއިރާއަށް އީޖާދީ ބަދަލުތަކެއް ގެންނަމުންދާ ކުންފުންޏެއް

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އުރީދޫއަށް ދީފައިވަނީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުންނެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި ހަވާލުވެވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީއެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކީ، 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުއާޞަލާތީ ދާއިރާއަށް އީޖާދީ ބަދަލުތަކެއް ގެންނަމުންދާ ކުންފުންޏެކެވެ. "ވަޠަނިއްޔާ ޓެލެކޮމް މޯލްޑިވްސް"ގެ ނަމުގައި އެންމެ ފުރަތަމަ އުފެދުނު މި ކުންފުނީގެ އަމާޒަކީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެއް ވިއުގަޔަކުން ގުޅާލައި، އެންމެ ޒަމާނީ ފެންވަރުގެ މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، އުރީދޫން ވަނީ ހަމައެކަނި މޯބައިލް ޚިދުމަތްދޭ ކުންފުންޏެއްގެ ބަދަލުގައި، ޑިޖިޓަލް ޚިދުމަތްދޭ ފުރިހަމަ ކުންފުންޏެއްގެ ގޮތުގައި ޚިދުމަތް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢުތަކާއި ވިޔަފާރިތަކާއި، އަމިއްލަ ފަރުދުން ގުޅުވައިލައިފައެވެ.

ފެށުނީއްސުރެވެސް އުރީދޫއަކީ، ފަންނިއްޔާތުގެ އެންމެ ކުރީ ސަފުގައި އޮތް ކުންފުންޏެކެވެ. އެގޮތުން، 2006 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ސަބްސީ ކޭބަލް ޤާއިމުކޮށް، ރާއްޖޭގެ ފުރަތަމަ މޯބައިލް ވަރޗުއަލް ޕްރައިވެޓް ނެޓްވަރކް (އެމް.ވީ.ޕީ.އެން.) އެ ކުންފުނިން ތަޢާރުފްކުރިއެވެ. އަދި އެސް.އެސް.އެމް ބޭސްޑް އިންފޮމޭޝަން ސަރވިސްއާއި، 2008 ވަނަ އަހަރު 3ޖީގެ ޚިދުމަތާއި، 2009 ވަނަ އަހަރު ވަޔަރލެސް ބްރޯޑްބޭންޑް ފަދަ އާ ޓެކްނޮލޮޖީތައް ތަޢާރުފްކުރިއެވެ. 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އުރީދޫން ވަނީ، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައެވެ. އެގޮތުން، ޕްރީޕެއިޑް ބްރޯޑްބޭންޑް އަދި 3ޖީ މެދުވެރިކޮށް، ވީޑިއޯ ބްރޯޑްކާސްޓްކުރުން ފަދަ އީޖާދީ ކަންކަން އެ ކުންފުނިން ތަޢާރުފުކުރިއެވެ. 2013 ވަނަ އަހަރު "އުރީދޫ މޯލްޑިވްސް" ގެ ނަމަށް ރީބްރޭންޑްކޮށް، ވާވޭއާ ގުޅިގެން މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑަށް ރާއްޖޭގެ ފުރަތަމަ އެލް.ޓީ.އީ. ނެޓްވަރކް ތަޢާރުފްކޮށް، އެ ކުންފުނިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެ ބަދަލުތަކުގެ ސަބަބުން، ކަސްޓަމަރުންނަށް އިތުބާރު ލިބުމުގެ އިތުރަށް، މުޅި ރާއްޖެއަށް ޑޭޓާގެ ޚިދުމަތް ލިބި، ދިވެހިންގެ ޢާންމު މުއާޞަލާތީ ބޭނުންތައް ފުރިހަމައަށް ހާސިލުކޮށްދިނުމުގައި އަވަސް ކުރިއެރުމެއް ހޯދިއެވެ.

2014 ވަނަ އަހަރުގެ ނިޔަލަށް އުރީދޫން ވަނީ 4ޖީ އެލް.ޓީ.އީ. އެޑްވާންސް ތަޢާރުފްކޮށް، ވައިފައި ޒޯންތައް ޤާއިމުކޮށް، ރިޒޯޓުތަކުގައި ޚާއްޞަ ފަންނީ ޚިދުމަތްތަކެއް ޤާއިމުކޮށްދީފައެވެ. އުރީދޫން ވަނީ ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީއެއް ކަމަށްވާ ވާވޭ އީޒީ މެކްރޯ ތަންފީޒުކޮށް، ފޭސްބުކާ ގުޅިގެން ފްރީ ބޭސިކްސް ރާއްޖެއަށް ތަޢާރުފްކޮށްފައެވެ. އަދި ފިކްސްޑް އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ޚިދުމަތް ފަށައި، ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްވެސް ވަނީ ހިންގާފައެވެ. އުރީދޫން 2016 ވަނަ އަހަރު މޯބައިލް މަނީގެ ޚިދުމަތް ކަމަށްވާ "އެމް-ފައިސާ" ތަޢާރުފްކޮށް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އޮފަރތައް ތަޢާރުފުކުރިއެވެ.

އުރީދޫން ވަނީ 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ރާއްޖޭގެ ފުރަތަމަ 5ޖީ ޑެމޮންސްޓްރޭޝަން ދައްކާލައި، ސުޕަރނެޓް ބްރޯޑްބޭންޑް ފުޅާކޮށް، އިތުރު ޚިދުމަތްތައް ތަޢާރުފުކޮށްފައެވެ. މީގެއިތުރުން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، އުރީދޫން ވަނީ ހިލޭ ޑޭޓާ ޕެކޭޖުތައް ތަޢާރުފުކޮށް، ދުރުންދޭ ތަޢުލީމަށް މަގުފަހިކޮށްދީ "މޫލީ" މެދުވެރިކޮށް ޢާންމު ގޭބިސީތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގެ ފުރަތަމަ ސައިން ލޭންގުއޭޖް ކަސްޓަމަރ ކެއަރ ހޮޓްލައިން ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހޮޓްލައިނެއް ވަނީ ތަޢާރުފްކޮށްފައެވެ.

2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އުރީދޫން ވަނީ ރާއްޖޭގެ ފުރަތަމަ ޓަޔަރ 3 ރެޑީ ޑޭޓާ ސެންޓަރެއްވެސް ޤާއިމުކޮށްފައެވެ. އަދި އޭ.އައި. އިން ދިވެހިބަހަށް އަހުލުވެރި ކަސްޓަމަރ ކެއަރ އެސިސްޓެންޓެއް ކަމަށްވާ "އެވީ" އަލުން ތަޢާރުފްކޮށްފައެވެ.

2024 ވަނަ އަހަރާއި، 2025 ވަނަ އަހަރު އުރީދޫން ވަނީ ރާއްޖޭގެ އެންމެ ކުރިއަރައިފައިވާ ޑިޖިޓަލް ކުންފުނީގެ ދަރަޖަ އިތުރަށް ހަރުދަނާކޮށްފައެވެ. އެ ކުންފުނިން ނ. ލަންދޫގައި "ޑިޖިޓަލް އައިލެންޑް" ޕްރޮގްރާމް ފަށައި، ޓިކްޓޮކާއެކުގައި ޕާޓްނަރޝިޕެއް ހަދައި، އުރީދޫ ގްރޫޕްގެ ބްރޭންޑް އެމްބެސެޑަރ ޕެރިސް ސެއިންޓް ޖަރމަން (ޕީ.އެސް.ޖީ.) އެކަޑަމީގެ ކޭމްޕްތަކެއް ރާއްޖޭގައި ވަނީ ބާއްވައިފައެވެ. އުރީދޫ ފަން ރަން އަދި މަސްރޭސްފަދަ ނަން މަޝްހޫރު އިވެންޓްތައް އިތުރަށް ފުރިހަމަކޮށް، އިތުރު ސަރަޙައްދުތަކަކަށް ގެންގޮސް، އުރީދޫ އެޕްލިކޭޝަނަށް ހަދިޔާފޮށި ފަދަ، ކަސްޓަމަރުން ގަޔާވާ ކަންކަންވެސް ވަނީ އިތުރުކޮށްފައެވެ. އުރީދޫން ރާއްޖެއަށް މުޅިން އަލަށް ތަޢާރުފްކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި، އެޕަލްއާއި ސެމްސަނުން އީސިމް މެދުވެރިކޮށް، ވެއަރރެބަލް ޚިދުމަތްތައްވެސް ހިމެނެއެވެ. އާބާދީގެ 80 ޕަސެންޓް ކަވަރުކުރުމަށް 5ޖީ ލިބެންހުރި މިންވަރު ވަނީ ފުޅާކޮށްފައެވެ. މި އަހަރު އުރީދޫއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ކަނޑުއަޑީގެ އެންމެބޮޑު ޕެނަލް ޑިސްކަޝަން ބާއްވައި، ގިނިސް ވާރލްޑް ރެކޯޑެއް އުރީދޫން ވަނީ ޤާއިމުކޮށްފައެވެ.

މުއާޞަލާތީ ގުޅުމަކީ، އަސާސީ ޚިދުމަތްތަކަށްވާއިރު، މި ޚިދުމަތް ދިނުމުގައި އުރީދޫން ހާސިލު ކުރަމުންގެންދާ ކުރިއެރުންތަކަކީ، ޒަމާނާ އެކަށީގެންވާ ގޮތަށް ޓެކްނޮލޮޖީއަށް ދިވެހިން އަހުލުވެރިކުރުވައި ފެންވަރު މަތިކުރުމަށާއި، 21ވަނަ ޤަރުނުގައި ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީގެ ރޭހުގައި ދިވެހިން ފައިހަމަކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރެކެވެ. އަދި އުރީދޫ ފާހަގަކުރެވިގެންދަނީ 21 ވަނަ ޤަރުނުގައި ދުނިޔޭގެ ޒަމާނީ ޓެކްނޯލޮޖީގެ ރޭހުގައި ދިވެހިން ފައިހަމަކުރުމަށްޓަކައި ފާހަގަކޮށްލެވޭ ހަލުވި މަސައްކަތްތަކެއް ކުރަމުންގެންދާ އަދި ޑިޖިޓަލް މޯލްޑިވްސް ބިނާކުރުމުގައި ދިވެހިން މިއަދު ދެކެމުންދާ ހުވަފެން ޙަޤީޤަތަކަށް ހެދުމުގައި އިސްނަގައިގެން މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ ގޮތުގައިވެސް މެއެވެ.