ޚަބަރު

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް


  • ޤައުމީ ދުވަސް ޤައުމީ ފެންވަރެއްގައި އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސްގެ ވަޢުދެއް

  • އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ގޭޓުގެ ބިންގާ އަޅުއްވާނެ

ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ތިލަދުންމަތީ އުތުރުބުރީ އުތީމަށް ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އުތީމުގައި ފާހަގަކުރާ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެޑައިގަންނަވާނެއެވެ.

ހއ. އުތީމުގައި ޤައުމީ ދުވަސް މިއަހަރާއި އަންނަ އަހަރު ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާއި އެއްގޮތަށް މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އުތީމުގައި ކުރިއަށް ގެންދާއިރު އެ ރަށުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިޖަލްސާގައި ދިވެހި ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅަކަށް ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އައްޑަނައާއ،ި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުން ދެއްވާނެއެވެ. މީގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާއާއ،ި ހަނދާނީ ލިޔުން އެރުވުންވެސް އޮންނާނެއެވެ.

މީގެ އިތުރުންވެސް އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ގޭޓުގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާއި، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ.