ޤައުމީ ދުވަހުގެ ކުލަގަދަ ހަރަކާތްތަކާއެކު އުތީމުގައި މާދަމާރޭ ހަވާއަރުވަން ނިންމައިފިއެވެ.
ސަރުކާރުން ޤައުމީ ދުވަސް ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ މީލާދީން 1365ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް ޤައުމީދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، މިދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހއ. އުތީމުގައެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތައް ފެށޭނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤައުމީ ދުވަހުގެ ހެނދުނު އޮންނަ ދިދަނެގުމެ ރަސްމިއްޔާތުންނެވެ. މާލޭގައި ބާއްވާ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ ޤައުމީ ދުވާހާ ގުޅިގެން އުތީމުގައި ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށެވެ. އުތީމުގައި ޤައުމީ ދުވަހުގެ ހަރަކާތްތައް ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.
އާތިކާ ވިދާޅުވީ އުތީމުގައިވެސް ދުވަހުގެ ހަރަކާތްތައް ފެށޭނީ ދިދަ ނެގުމުގެ ރަސްމިއްޔާތުންކަމަށެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު އުތީމުގައެވެ. މިޖަލްސާގައި ދިވެހި ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅަކަށް ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އައްޑަނައާއ،ި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުން ދެއްވުމުގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާއާއ،ި ހަނދާނީ ލިޔުން އެރުވުންވެސް އޮންނާނެއެވެ.
"މިއަހަރު ވަކިން ޚާއްސަކޮށްލެވޭ ކަމަކީ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން މިރަށަށް ޒިޔާރަތް ކޮށް މި ޖަލްސާގައި އިނާމް ލިބިގެން ދިއުން." ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވިއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން މާދަމާރޭ އުތީމުގައި ހަވާ އެރުވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހޯމަދުވަހުވެސް އުތީމުގައި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އާތިކާ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ޤައުމީ ދުވަހަށް އުތީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު އިރުއަރާއިރު އުތީމު ފެންނާނީ އެހެން އުތީމެއްގެ ގޮތުގައި ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އެހެން ރަށަކުން ނުފެންނަ ވަރުގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު ވަރަށް ރޫހުގައި މަސައްކަތްތައް ކުރެވިގެން މިދިއައީ. ޚާއްސަކޮށް ޒުވާނުން ހުރިހާ ކަމެއްގައި ނުނިދާ މަސައްކަތްތައް އަންނަނީ ކުރަމުން" އުތީމު ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ޤައުމީ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެއެވެ. ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިން ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާއި، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ.