ޚަބަރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުން މިހާތަނަށް 500އަށްވުރެ ގިނަ ޒުވާނުން ތަމްރީނުވެއްޖެ


  • މިޕްރޮގްރާމުތަކުން މިހާތަނަށް 569 ޒުވާނުން ތަމްރީނުވެއްޖެ

  • 113 ޒުވާނުން މިހާރުވެސް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކުރަމުންދޭ

ޒުވާނުން ބާރުވެރިކުރުވާ އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 500އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ޒުވާނުންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުމެވެ. މިކަން ހާސިލްކުރުމަށްޓަކައި އެ ވުޒާރާއިން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުމެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކޮށް އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަކީ މި ޕްރޮގުރާމުގެ މަޤުސަދެއް ކަމަށެވެ.

މިއީ ހަމައެކަނި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޚާއްސަ ކުރެވިފައިވާ ޕްރޮގްރާމެއް ނޫން ކަމަށާއި، މިއީ ޒުވާނުންގެ ކިބައިގައި އަމިއްލައަށް ކަންކަން ކުރުމުގެ ހިތްވަރާއި، އައު ހުނަރުތައް އުފެއްދުމުގެ ޤާބިލުކަން އަށަގެންނެވުމަށްވެސް އެހީތެރިވެދޭ ޕްރޮގްރާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުން މިހާތަނަށް 500އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިއަދު މި ގްރެޖުއޭޓްވި ކުދިންނާއި އެއްކޮށް 569 ޒުވާނުން ތަމްރީނުވެއްޖެ. އަދި 113 ޒުވާނުން އެކި ކުންފުނިތަކުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް އެބަ ފުރިހަމަކުރަމުންދޭ. އެހެންކަމުން މިއީ މުހިންމު ކާމިޔާބީއެއް ކަމުގައި އަޅުގަނޑު ދެކެން." ޒުވާނުންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީނުވެފައިވާ ޒުވާނުންނަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ބައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރާއި، ދިވެހި ކުންފުނިތަކާއި، އަދި އެހެނިހެން ދާއިރާތަކުގެ އެއްބާރުލުން މުހިންމު ކަމަށާއި، މި އެއްބާރުލުންތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ގިނަ ޒުވާނުން މިފަދަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ޒުވާނުން ބައިވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ދެވެން އޮތް ފުރުސަތުތައް ދިނުމަށް ޚާއްސަ އިސްކަމެއް ދެމުންދެއެވެ. އަދި މި ޕްރޮގްރާމުތަކުގެ ސަބަބުން ޒުވާނުންނަށް މުސްތަޤްބަލުގައި ކާމިޔާބު ކުރެވޭނެ ހުނަރުތަކާއި ތަޖުރިބާ ލިބި، ގައުމުގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.