އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި އަލަށް ގާއިމުކުރާ ބެޑްމިންޓަން ކޯޓުގެ ބިންގާއަޅައިފިއެވެ.
މިކޯޓުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އއ. ތޮއްޑޫގައި ގާއިމުކުރާ ބެޑްމިންޓަން ކޯޓުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިކޯޓުގެ މަސައްކަތް ހަވާލުކޮށްފަވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
އަރިއަތޮޅު އުތުރުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ކުޅިވަރުގެ ދާއިރާއިން ތޮއްޑުއަށް ގިނަ ތަރައްގީތަކެއް ގެނެސްދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. މިގޮތުން އއ. ތޮއްޑޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި ފުޓްބޯޅަ ދަނޑު ރޭގަނޑު ބޭނުން ކުރެވޭގޮތަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނުވަނީ ދެއްވާފައެވެ.
މީގެ އިތުރުން ތޮއްޑޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކޮށްދެއްވާ އެރަށަކީވެސް ކުޅިވަރު ވަސީލަތްތައް ލިބެންހުރި ރަށަކަށް ހައްދަވާދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނުވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރާއްޖެއަކީ ދުޅަހެޔޮ ހަށިހެޔޮ އާބާދީއެއް ނިސްބަތްވާ ގައުމަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. އޭގެ އިތުރުންވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ކޯޓުތައް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢާއެކު ފެށިގެންގޮސްފަވާއިރު މިމަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.