ޚަބަރު

ކުށުގެ މާހައުލުގައި ކުޑަކުދިން އިތުރުވަމުންދާތީ ކަންބޮޑުވުން


  • އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރު

  • ރައްކާތެރިކަމާއި ބެހޭގޮތުން ކުދިންނާއެކު ވާހަކަދެއްކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި

ކުށުގެ މާހައުލުގައި ކުޑަކުދިން އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ދިވެހި ފުލުހުންގެ ޚިދުމަތުން ފާޅުކޮށްފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިން އާއި އެ ޚިދުމަތުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރުކާމާއެކު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކުށުގެ މާޙައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ހޯޕް އައިލެންޑް ނަމުގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެއެވެ. ހޯޕް އައިލެންޑަކީ އަޚުލާޤު ރަނގަޅު، މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ކުށްކުރާ ކުދިން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ފެސިލިޓީތަކަކާއެކު ތަރައްޤީކުރާ ރަށެކެވެ. ރާއްޖޭގައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރުފުރާއަކީ 15 އަހަރުން މައްޗެވެ. ނަމަވެސް ސަރުކާރުން ވަނީ އެ އުމުރު 12 އަހަރަށް ކުޑަކުރުމަށް ނިންމާފައެވެ.