މިހާރު ކުރިޔަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025، ޖޭ30 ޓެނިން މުބާރާތުގައި ވާދަކުރާ އެންމެ ރޭންކިން ރަނގަޅު ކުޅުންތެރިޔާ އަތުން ރާއްޖޭގެ މަންހާ މުހައްމަދު އަލީ މޮޅުވެއްޖެއެވެ.
މާލޭ ޓެނިސް ސްޓޭޑިއަމްގައި ވާދަކުރާ ކަޒަކިސްތާނުގެ ޓަމަރާ އެރްމަކޯވާ އަތުން މަންހާ މޮޅުވީ 2-1 ސެޓުންނެވެ. މިއަދު މެއިން ޑްރޯގައި ކުޅުނު މެޗެއްގައި މަންހާ ކަޒަކިސްތާނުގެ ކުޅުންތެރިޔާއާއި ވާދަކޮށް ފުރަތަމަ ސެޓް ކާމިޔާބުކުރީ 7-6 ންނެވެ. ދެވަނަ ސެޓު އެރްމަކޯވާ ކާމިޔާބުކުރީ 6-0 ންނެވެ. އެހެންނަމަވެސް ތިންވަނަ ސެޓްގައި މަންހާގެ ކުޅުން ރަނގަޅުކޮށް 6-4 ކުން ކާމިޔާބުކުރިއެވެ.
މި މުބާރާތުގައި ވާދަކުރާ ދިވެހިން ކުޅުންތެރިން މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު މިއަދު ކުޅުނު މެޗުތަކުގެ ތެރެއިން ނަބާ ނިޝާން ވަނީ އިންޑިޔާގެ ޖާނަވީ ޗޯދްރީ ބަލިކޮށްފައެވެ. އަދި ނަޔާރާ އުސާމާ އަލީ ވަނީ ރަޝިޔާގެ ވެރޮނިކާ ބަލިކޮށްފައެވެ.