ޚަބަރު

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ. އަތޮޅުގެ 4 ރަށަކަށް 1000އަށްވުރެ ގިނަ ގަސް


  • ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ބަނބުކެޔޮ ގަސް، ޖަނބުރޯލް ގަސް، މުރަނގަ ގަސް، އަލަ ގަސް ހިމެނޭ

  • ގަސް ފޮނުވާފައިވަނީ ގޭބިސީތަކަށާއި އޮފީސްތައް ހިމެނޭހެން

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ށ. އަތޮޅުގެ 4 ރަށަކަށް ހާހަކަށް ވުރެ ގިނަ ގަސް ފޯރުކޮށްދީފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެހެމެއްޓެނެވިކަން ހޯދުމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ގަސް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ގަސް ފޯރުކޮށްދިނުމަށް ކައުންސިލްތަކުން އެވުޒާރާގައި އެދެމުންދާކަމަށެވެ. އަދި ހަނިމާދޫގައި ހުންނަ އެވުޒާރާގެ ސެންޓަރުން، އެ ރަށްރަށަށް ބޭނުންވާ މިންވަރަށް ގަސް ފޯރުކޮށްދެމުން އަންނަކަމަށް ވަޒީރު ވަނީ ވިދާޅުވެފައެެވެ.

އެގޮތުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1159 ގަސް ފޯރުކޮށްދީފައިވާކަމަށް ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މިރަށްރަށަށް ގަސް ފޮނުވާފައިވަނީ ގޭބިސީތަކަށާއި އޮފީސްތަކަށެވެ.

ށ. އަތޮޅުން ގަސް ފޮނުވާފައިވާ ރަށްތަކާއި އަދަދު

* ށ. ފުނަދޫ - 324 ގަސް
* ށ. ޅައިމަގު - 378 ގަސް
* ށ. ނަރުދޫ - 254 ގަސް
* ށ. ބިލަތްފަހި - 203 ގަސް

"ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ފޮނުވާފައިވާ ގަސްތައް

* ބަނބުކެޔޮ ގަސް
* ޖަނބުރޯލް ގަސް
* މުރަނގަ ގަސް
* އަލަ ގަސް

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށަށް ގަސްތައް ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ހަނިމާދޫ ކައުންސިލަށްވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމަވައި އެމަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތެރިން އިތުރު ކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޭރުން ކާބޯތަކެތި އިންޕޯޓް ކުރުމަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކޮށް، އުފެއްދުން އިތުރުކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ފޯރުކޮށްދެމުންނެވެ.