ޚަބަރު

މިއީ ތެލެސީމިއާ ހުންނަ ކުދީންނާއި މީހުންނަށް ތަސައްލީއެއް ލިބިގެންދިޔަ އަހަރެއް


  • ތެލެސީމިއާ ހުންނަ ކުދީންގެ ޢާއިލާތަކުން އުފުލަމުންދިޔަ ތަކުލީފުތައް ނިޒާމީގޮތެއްގައި ހައްލުކުރުމުގެ ގިނަ މަސައްކަތްތަކެއް

  • ތެލެސީމިއާގެ ޚިދުމަތްތައް އޮރެންޖް ހިޔާގެ ދަށަށް ވަނީ ބަދަލުކޮށްފައި

  • އިތުރު ޓެސްޓުތައް ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައި

  • ސްޕެޝަލިސްތު ޑޮކްޓަރުންނަށް ދެއްކޭނެ ފަސޭހަ ނިޒާމެއް

އާބާދީގެ ގޮތުން މުޅި ދުނިޔޭގައިވެސް ތެލެސީމިއާ ހުންނަ ކުދިންނާއި މީހުން އެންމެ ގިނަ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެހެންނަމަވެސް ރާއްޖޭގައި ތެލަސީމިއާ ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ އެންމެ ޒަރޫރީ ޚިދުމަތްތައްވެސް ދިނުމުގައި އެތައް ދަތިތަކެއް ކުރިމަތިވެފައިވާއިރު ވޭތުވެދިޔަ ކޮންމެ ސަރުކާރެއްގައިވެސް އެކަންކަމަށް ޙައްލެއް ގެނައުމަށް ވަނީ އާދޭސް ދަންނަވާފައިވެއެވެ. އެހެންނަމަވެސް އެކަމަށް އެންމެ އެދެވޭ ހައްލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

ދިރިހުރުމާއި ދިރިއުޅުމާއި ދެމެދު ތެލެސީމިއާ ކުދިން ކުރަންޖެހިފައިވަނީ ވޭންހުރި ދަތުރެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ ދިރިއުޅުމަށާއި ދިރިހުރުމަށް އެކުދިން ކޮންމެ ދުވަހަކުވެސް ކުރަމުންދާ ހަނގުރާމައެކެވެ. ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކުދިންނަށްދެވޭ ޚިދުމަތަށް ބޮޑު ބަދަލެއް ގެނެސްދެއްވާނެކަމުގެ ވަޢުދާއެކުގައެވެ.

ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމަށް ނިންމަވާ އެކަން ސަރުކާރުންވަނީ 2023 ވަނަ އަހަރު ޢިއުލާންކުރައްވާފައެވެ. ހަމައެއާއެކު ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ތެލެސީމިއާއަށް ސްކްރީން ކުރެވިފައިވާ ކުއްޖަކަށް ހެދުމަށް، އަދި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައިވަނީ ފައްޓަވާފައެވެ. ހަމަ މިއާއެކު ބޯންމެރޯ ޓްރަންސްޕްލާންޓް ހެދުމުގެ އިންތިޒާމު ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދެއްވުމުގެ އިންތިޒާމު ހަރުދަނާކުރުމާއި ތެލެސީމިއާ ކުދިން ހަދަންޖެހޭ މުހިއްމު ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ.

ތެލެސީމިއާ ހޮސްޕިޓަލު އެޅުމަށް ބަޔަކާއި ޙަވާލުކޮށް މަސައްކަތް ކުރަމުންދަނިކޮށް، ތެލެސީމިއާ ސެންޓަރުން ދެމުންދިޔަ ޚިދުމަތާއި މެދު ކަންބޮޑުވުންފާޅުކޮށް، ބޭނުންވާ ބައެއް ވަޞީލަތްތައް ނެތުމުގެ ޝަކުވާ މިއަހަރުގެ މާރިޗުމަހު ބޮޑުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމައްސަލަތައް ޙައްލުކުރެއްވުމަށް ޚާއްސަ އިސްކަމެއްދެއްވައިގެން ވަގުތުން ޙައްލު ގެންނެވުމަށް މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ 30 އަހަރުވީ ބައު ޢިމާރާތުގައި އެކަށީގެންވާ ޖާގަ ނެތުމާއެކު އެތަން ހުޅުމާލެއަށް ބަދަލުކުރައްވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދިފާޢީ ބާރާއި ޙަވާލުކުރައްވާފައެވެ. ސެޓަޕް ޤާއިމުކުރުމުގެ މަސައްކަތާއެކު އެއް މަސްދުވަހުގެ ތެރޭގައި ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރައްވާފައެވެ.

ތެލެސީމިއާ ސެންޓަރު، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރުމަށް ނިންމަވާ އެކުދިންނަށް ލިބޭ ޚިދުމަތްތައް އެއާއެކު ވަނީ ފުޅާކުރެވިގެންގޮސްފައެވެ. މިގޮތުން ލޭ ހަދިޔާކުރުމާއި ލޭ ހޯދުމަށް އިތުރު ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސަވާފައެވެ. މީގެއިތުރުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމުވެސް މިހާރުވަނީ ހަމަޖެހިފައެވެ. އަދި ތެލެސީމިއާގެ ފަރުވާއަށް ބޭނުންވާ ބޭހާއި އެނޫންވެސް ވަޞީލަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

ވަޞީލަތްތައް ހަމަކުރުމުގެ އިތުރުން ޤާނޫނަށް އިސްލާޙުތަކެއް ގެނެސް ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ. އެގޮތުން ތެލެސީމިއާ ކެރިއަރުން ކައިވެނިކުރުމާ ގުޅޭ މައްދާއެއް ޤާނޫނަށް އިތުރުކޮށް ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދައަށް އެދި ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުކަމަށް ޤާނޫނުގައި މިހާރު ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުން ގެންނަވަމުންދާ ބަދަލުތަކާއި އިސްލާހުތަކާއެކު ރާއްޖޭގައި އޮތް ތެލަސީމިއާގެ ޙާލަތު ބަދަލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ފަރުވާގެ ޚިދުމަތް ހަރުދަނާވުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއެކު ރާއްޖޭގައި ތެލެސީމިއާގެ އާބާދީ މަދުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.