ކުޅިވަރު

ސްޕެނިޝް ލީގުގެ ގަވާއިދު ފަސޭހަކުރަން ޖެހޭ: ލަޕޯޓާ


ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި ސްޕނިޝް ލީގުން މިހާރު އަމަލުކުރަމުން އަންނަ ގަވާއިދަށް ލުއިތަކެއް ދޭން ޖެހޭ ކަމަށް އެ ލީގުގެ ޗެމްޕިއަން ބާސެލޯނާއިން ބުނެފިއެވެ.

އެ ކުލަބުން މިހެން ބުނީ ވިދިވިދިގެން ތިން ވަނަ ސީޒަނެއްގައި ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެންނެވެ.

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ ގަވާއިދަށް ހުރިހާ ކުލަބަކުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށާއި ނަމަވެސް މިހާރު އޮތް ގަވާއިދުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"ހުރިހާ ކުލަބަކުން ވެސް ގަވާއިދަށް ތަބާވާން ޖެހޭނެ. އެކަމަކު ކުލަބުތަކަށް މާބޮޑަށް މިކަން ކުރަން ދަތިވާނަމަ އެއީ މައްސަލައެއް. އަހަރުމެން ވަރަށް މަސައްކަތް ކުރަން ގަވާއިދުގެ ތެރެއިން މިކަން ކުރަން. އެކަމަކު ވެސް ވަރަސް ދަތިކޮށް މިކަން މިދަނީ. މިކަމަށް ލުޔެއް ލިބެންޖެހޭ،" ލަޕޯޓާ ވިދާޅުވި އެވެ.

ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި ދަތިވެ، ބާސެލޯނާއިން ރޭ ރެއާލް މަޔޯކާއާ ދެކޮޅަށް ސީޒަން ފެށީ ބައެއް މުހިންމު ކުޅުންތެރިން ރަޖިސްޓަރީ ނުކޮށެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު ވޮޝްނިއާ ޝެޒްނީ އާއި ވާތުބެކް ޖެރާޑް މާޓިން އާއި މި ސީޒަނަށް ގެނައި ކުވޭތުގެ އެޓޭކިން މިޑްފީލްޑަރު ރޫނީ ހިމެނެ އެވެ.

މި ކުޅުންތެރިންގެ ބަދަލުގައި ރަޖިސްޓަރ ކުރީ ޓީމަށް އަލަށް ގެނައި ގޯލްކީޕަރު ޖޯން ގާސިއާ އާއި ފޯވަޑް މާކަސް ރަޝަފޯޑެވެ. ލަޕޯޓާ ވިދާޅުވީ އުއްމީދު ކުރަނީ ދެން އަންނަ މެޗެއްގެ ކުރިން ބާކީ ތިބި ކުޅުންތެރިން ވެސް ރަޖިސްޓަރ ކުރެވޭނެ ކަމަށެވެ.

"ކުޅުންތެރިން ރަޖިސްޓަރ ކުރެވުނީތީވެ (ސްޕޯޓިން ޑައިރެކްޓަރު) ޑެކޯ އަށް ޝުކުރު އަދާ ކުރަން ޖެހޭ. އޭނާ ވަރަށް ބުރަކޮށް މި ދެ ދުވަހު މަސައްކަތް ކުރީ އެ ކަމުގައި. އަހަރެން އުއްމީދު ކުރަނީ ދެން ތިބި ކުޅުންތެރިން ވެސް ވަރަށް އަވަހަށް ރަޖިސްޓަރކޮށް ނިމޭނެ ކަމަށް،" ލަޕޯޓާ ވިދާޅުވި އެވެ.

ބާސެލޯނާ އަށް ރަޖިސްޓްރޭޝަން މައްސަލަތައް ދިމާވި މައިގަނޑު މައްސަލައަކީ އެ ުލަބުގެ މާލީ ހާލަތު ދަށްވުމެވެ. އަދި ލިބޭ އާމްދަނީގެ ތެރެއިން ކުޅުންތެރިންގެ މުސާރަ އަށް ހިނގާ ހޭދަ ބޮޑުވުމުގެ ސަބަބުން ސްޕެނިޝް ލީގުގެ ގަވާއިދުތަކާ ފުށު އަރާތީ އެވެ. ބާސެލޯނާގެ މާލީ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއް ކަމަކީ ކުރީގެ މެނޭޖްމަންޓުން ގެންގުޅުނު ދޯދިޔާ ސިޔާސަތުތަކުގެ ތެރެއިން މާބޮޑު މުސާރައެއްގައި ކުޅުންތެރިން ލައްވައި ސޮއި ކުރުވާފައިވުމެވެ. އަނެއް ކަމަކީ ލަޕޯޓާގެ ރައީސް ކަމުގައި އެ ކުލަބުގެ ސްޓޭޑިއަމް ތަޅާލައި އެތަން އަލުން ބިނާ ކުރަމުން ދިއުމުގެ ސަބަބުން މެޗު ކުޅޭ ދުވަހުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވުމެވެ.