ޚަބަރު

ދުވަސްވީ މީހުންގެ ފަރުވާއާ ގުޅޭ ކާމިޔާބު މަޝްވަރާތަކަކާއެކު މިއަހަރުގެ މެޑިކަލް ކޮންފަރެންސް ނިންމާލައިފި


  • މިއީ ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ކޮންފަރެންސެއް

  • އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފަރުވާ ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު

ރާއްޖޭގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް ދެވޭ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މުހިންމު މަޝްވަރާތަކެއް ކުރުމަށްފަހު "މޯލްޑިވްސް މެޑިކަލް ކޮންފަރެންސް 2025" ނިންމާލައިފިއެވެ.

މިއަހަރުގެ މޯލްޑިވްސް މެޑިކަލް ކޮންފަރެންސްގެ ޝިއާރަކީ "ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ" މި ޝިޔާރެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ "މޯލްޑިވްސް މެޑިކަލް ކޮންފަރެންސް 2025"ގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.

މި ކޮންފަރެންސާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އެގްޒެކެޓިވް ސެކްރެޓަރީ ޑރ. މަރިޔަމް އަޖުފާން ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން ޢުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މުހިންމު މަޝްވަރާތައް ކުރެވުނުކަމަށެވެ. އަދި އެކަންކަމަށް ހައްލުތައް ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަން ޑރ. މަރިޔަމް އަޖުފާން ފާހަގަކުރެއްވިއެވެ.

"ބޭރު ޤައުމުތަކުގަ މިކަންކަން ކުރާ ގޮތްތަކާ ގުޅޭގޮތުން ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުން ހޭލުންތެރިކުރުވުމަށް ވާހަކަތަކެއް ދެކެވުނު. ސީދާ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ފަރުވާ ދޭނެ ޑޮކްޓަރުން ރާއްޖޭގަ ނުތިބޭ. އެހެންވީމާ، މެޑިސިންގގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން މިކަމަށް ޝައުޤުވެރިކުރުވާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާތަކެއް ކުރެވުނު" ޑރ. މަރިޔަމް އަޖުފާން ވިދާޅުވިއެވެ.

2030ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީގެ %7 އަކީ 75 އަހަރުން މަތީގެ މީހުން ކަމަށް ލަފާކުރެވޭއިރު، 2040ވަނަ އަހަރާ ހަމައަށް އެއަދަދު %10 އަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ލަފާކުރެއެވެ. އަދި މިފަދަ ބަދަލުތަކަށް ރާއްޖެއިން ދުރާލާ އްޔާރުވެތިބުން މުހިންމުކަން އެއެސޯސިއޭޝަނުން ފާހަގަކުރޭ.

މިއީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ.