34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިިރިހެނުންގެ 10000 މީޓަރު ދުވުމުން މެރެތަން ރަނަރސް މޯލްޑިވްސްގެ މުޙައްމަދު އިރުފާން ރަން މެޑެލް ހޯދައިފިއެވެ. އޭނާ ރޭސް ނިންމާފައިވަނީ 35 މިިނިޓް 10.30 ސިކުންތުންނެވެ.
މި ރޭހުގެ ދެވަަނަ ހޯދި ދިވެހި ސިފައިންގެ ކުލަބުގެ މުހަންމަދު ރަޝީދަށް ރޭސް ފުރިހަމަކުރެވުނީ 36 މިނިޓް 41.16 ސިކުންތުންނެވެ. އަދި ތިންވަނަ 37 މިނިޓް 40.07 ސިކުންތުން ރޭސް ނިންމައިގެން ހޯދާފައިވަނީވެސް ދިވެހި ސިފައިންގެ ކުލަބުގެ އެތުލީޓެއްކަމަށްވާ ޔޫސުފް އިބްރާހިމްއެވެ.
މިއަދު ކުރިއަށްދިޔަ ފަހު އިވެންޓަކީ އަންހެނުންގެ މާސްޓަރސް ކެޓެގަރީގެ ލޯންގް ޖަމްޕެވެ. މި އިވެންޓުން އެއްވަނަ ހޯދާ ރަން މެޑަލް ހާސިލްކުރީ މެރެތަން ރަނަރސް މޯލްޑިވްސްގެ ހުސްނާ މުޙައްމަދުއެވެ. އޭނާވަނީ 3.12 މީޓަރަށް ފުންމާފައެވެ.
2.84 މީޓަރަށް ފުންމައިގެން މި އިވެންޓުގެ ދެވަނަ ހޯދާފައިވަނީ އައިލެންޑް ރަނާސް މޯލްޑިވްސްގެ ފާތިމަތު އިބްރާހިމްއެވެ. އޭނާ ފުންމާފައިވަނީ 2.84 މީޓަރަށެވެ. އަދި ތިންވަނަ ހާސިލްކުރި މެރެތަން ރަނާސް މޯލްޑިވްސްގެ އާމިނަތު ލީލާ ފުންމައިފައިވަނީ 2.60 މީޓަރަށެވެ.
މިމުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، މިއަދު ހަވީރު ދަންފަޅީގައިވެސް ކޮލިފައިން އަދި ފައިނަލް މެޗުތައް ކުރިއަށް ގެންދިއުމަށްވަނީ ތާވަލުކޮށްފައެވެ. މިހާތަނަށް ހަތަރު މީޓް ރިކޯޑް މުބާރާތުން ފެނިގެންގޮސްފަވާއިރު އިއްޔެވަނީ ގައުމީ ރިކޯޑެއްވެސް އައުކޮށްފައެވެ. ޝޮޓްޕުޓް އިވެންޓުން ގައުމީ ރިކޯޑު އައުކޮށްފަވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އެތުލީޓު އައިޝަތު ޝާޔާ ޝަފީޢުއެވެ.