ޚަބަރު

ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް: ވިލަމެންދޫ ބަލިކޮށް ރީތި ރަށް ފައިނަލަށް


ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ސެމީފައިނަލް މެޗު ކާމިޔާބުކޮށް ވަން އެންޑް އޮންލީ ރީތި ރަށް ފައިނަލަށް ދަތުރުކޮށްފިއެވެ.

އދ އަތޮޅުގެ ދެވަނަ ހޯދި ވިލަމެންދޫ އާއި ބައްދަލުކުރި މިމެޗު ރީތި ރަށުން ކާމިޔާބުކުރީ މާބޮޑު އުނދަގުލަކާ ނުލާ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓު 25-13 އިން ދިޔައިރު ދެވަނަ ސެޓު ދިޔައީ 25-11 އިންނެވެ. ފުރަތަމަ ދެ ސެޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ތިން ވަނަ ސެޓާ ރީތިރަށް ކުރިމަތިލީ ޔަގީންކަމާއެކު އަދި މި ސެޓު ތަފާތު ބޮޑުކޮށް ރީތިރަށް ކާމިޔާބުކުރީ 25-7 ކުންނެވެ.

މެޗަށްފަހު ރީތި ރަށުގެ ކެޕްޓަން އަހުމަދު ނަބީލް ބުނީ މެޗާ ކުރިމަތި ލީވެސް ޔަގީންކަމާއެކު މެޗު ނެގުމުގެ އަޒުމުގައި ކަމަށާއި މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް އެންމެ ރަނގަޅު ކުޅުން ފެނުނު ކަމަށެވެ.

ވިލަމެންދޫ ޓީމުގެ ކެޕްޓަން އަހުމަދު ނާސިހު ބުނީ ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަރުބަލިވުން ކަމަށާއި އެއީ މިހާ ކަނޑު ގަދަ ދުވަސްކޮޅެއްގައި ދިގު ދަތުރެއް ކޮށްފައި އައިގޮތަށް މެޗަށް އަރަން ޖެހުމުން ދިމާވި އުނދަގޫކަން ކަމަށެވެ.

މުބާރާތުގެ ފައިނަލްގައި މާދަމާ ރީތިރަށް ނިކުންނާނީ ފޯ ސީޒަންސް ކުޑަ ހުރާ އާއި ދެކޮޅަށެވެ.