ޚަބަރު

ހިތާދޫގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފި


  • ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުން ޒުވާނުންގެ ފަރާތުން ހުށަހަޅާފައިވޭ

  • ރައީސް ވަނީ ކައުންސިލުން ހުށަހެޅި ކަންތައްތައް ބައްލަވާނެ ކަމަށް ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން އޮތުމާއި، ބޯހިޔާވަހިކަމަށް އަމާޒުކޮށް ރަށުގައި ފުރުސަތުތައް ގާއިމުކުރުމާއި ބަނދަރުގެ ދަތިކަމާއި ނެރުފައިކަށި މިހާރު ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހަރުކުރުން ހިމެނެއެވެ. މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތަކާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ހުށައެޅި ކަންކަމުގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުން ހިމެނެއެވެ. ރަށުގެ މުއައްސަސާތަކަށް ދިމާވެފައިވާ ބައެއް ދަތިތައް ހިއްސާ ކުރަމުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން ހިތާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.