ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތާދޫއަށް ވަޑައިގެންފިއެވެ. ހިތާދޫއަކީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 9 ވަނަ މަންޒިލެވެ.
ރައީސުލްޖުމްހޫރިއްޔާ ހިތާދޫއަށް މިއަދު ހެނދުނު ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ހިތާދޫ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ހިތާދޫގައި އަލަށް ޤާއިމްކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.
މިމަހުގެ 11އިން 14އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލެވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމަކީވެސް މިދަތުރުފުޅުތަކުގެ މަޤްސަދެކެވެ.