އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހު ފެށޭ ގޮތަށް ހަމަޖެއްސުމަށްފަހު އެކަޑެމިކް ކަލަންޑަރު ނެރެފިއެވެ.
ނިމިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ވަނީ ދިރާސީ އަހަރު، މިލާދީ އަހަރުގެ މެދުތެރޭގައި ފަށާގޮތަށް ބަދަލު ގެނެސް ޖޫން/ ޖުލައިއަށް ބޮޑު ޗުއްޓީ ބަދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއް ކަމަކީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެއާއެކު ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ފަށާގޮތަށް ރައީސް މުއިއްޒު ނިންމެވިއެވެ.
ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ އަންނަ އަހަރުގެ ވަގުތީ އެކަޑެމިކް ކަލަންޑަރު ނެރެފައެވެ. މިގޮތުން އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާހަމައަށެވެ.
އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
މިފަހަރުގެ ކަލަންޑަރުގައި ވަނީ އަލަށް ސްކޫލްއަށް ދަރިވަރުން ވައްދާ ތާރީޚާއި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއިމަހުގެ 17 އިން ޖޫން 15 ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު 18 އޮކްޓޫބަރުން 17 ނޮވްމެބަރާއި ދެމެދު އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ.
އަންނަ އަހަރުގެ ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ވަނީ ވަކިކޮށްފައެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ގެންނެވި ބަދަލާއެކު ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކުރުމުން 1.5 ބިލިޔަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތަށް ލިބުނުކަމަށް ތަޢުލީމީ ވަޒީރު ވަނީ ވިދާޅުވެފައެވެ..