ޚަބަރު

ގޮއިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް


ބ. ގޮއިދޫގައި ފުޓްބޯޅަ ދަނޑެއް އެޅުމަށް ވެފައިވާ ވައުދާ އެއްގޮތަށް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގޮއިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ އިތުރުން ގޮއިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

"މިކަންކަން މިހިސާބަށް ގެނެވެނީ ވަރަށް ގިނަ މަސައްކަތް ކޮށްގެން އަޅުގަނޑުމެންގެ ބަޖެޓުގެތެރެއިން އަދި އަޅުގަނޑުމެން އިގްތިސާދީގޮތުން މެނޭޖް ކުރަންޖެހޭކަންކަން މެނޭޖް ކުރަމުން އެކި ރަށްރަށުގައި ހަމަ ހުރިހާ ވައުދެއް ފުއްދުމަށް ތަރުތީބު ކުރަމުން މި ގެންދަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޮއިދޫގައިވެސް ކުޅިވަރުގެ މި ދެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެތެރޭގަައި ފައްޓަވާ ދެއްވާނެ ކަމަށެވެ.

އެގޮތުން ފުޓްބޯޅަދަނޑު ތަރައްޤީކުރާނީ ލައިޓް ހަރުކުރުމާއެކު ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށް ކަމަށެވެ. އެމަސައްކަތުގައި މިހާރުކުރިޔަށްދަނީ ޓެންޑަރިން މަރުހަލާ ކަމަށް ރައީސް ވިދާޅުވިއެވެ.