ޚަބަރު

ކަމަދޫ ދަނޑުގައި ޓާފް އަޅައި ކުޅިވަރުގެ ވައުދުތައް މި އަހަރު ފުއްދައިދޭނަން: ރައީސް


ބ. ކަމަދޫގައި ކުޅިވަރުގެ ކަންކަމަށް ވީ ވައުދުތައް މި އަހަރުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެގޮތުން ވަރަށް އަވަހަށް ކަމަދޫ ފުޓްސަލް ދަނޑުގައި ޓާފް އަޅާ ދެއްވާނެ ކަމަށާއި މިހާރު ޓާފް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަމަދޫއަށް ޓާފް ލިބުނުހާ އަވަހަކަށް އެކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށާއި މިހާރު ޓާފް ގެނައުމަށް އޯޑަރ ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ޒަރީރު ވިދާޅުވީ ކަމަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި ވަށާފާރުގެ މަސައްކަތް ވަނީ ނިމިފައިކަމަށެވެ. އެހެންނަމަވެސް ޓާފް ނެތުމުގެ ސަބަބުން އެ ދަނޑު އޮތީ ބޭނުން ނުކުރެވި ކަމަށާއި ކަމަދޫ ޒުވާނުންނަށް ކުޅެން ބޭނުން ކުރެވޭނެ އިތުރު ތަނެއް ނެތްކަމަށެވެ.

އެހެންކަމުން ފުޓުބޯޅަ ދަނޑުގައި ވީހާވެސް އަވަހަށް ޓާފު އެޅުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ޒަރީރް ވިދާޅުވިއެވެ.