ޚަބަރު

10000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ޝަމްހާ މުގުރާލައިފި


އަންހެނުންގެ 10000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ބާރު ދުވުންތެރިޔާ ޝަމްހާ އަޙްމަދު މުގުރާލައިފިއެވެ.

ޝަމްހާ މި ރިކޯޑު ހަދާފައިވަނީ ޖަރުމަނުވިލާތުގެ ހެމަބާގުގައި އޮތް ނައިޓް އޮފް ދަ ޓެންސް 2025 މެރަތަންގައި ވާދަކޮށް 40 މިނެޓު 42.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 10000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މީގެ ކުރިން އޮތީ މަރިޔަމް އަބްދުލް ކަރީމްގެ އަތުގައެވެ. އޭނާ އެ ރިކޯޑު ގާއިމުކުރީ 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި 42 މިނެޓު 8.62 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުވެސް އޮންނަނީ ޝަމްހާ އަތުގައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ 5000 މީޓަރުގެ ރިކޯޑު ގާއިމުކުރީ ޖަރުމަންގެ ވަސެންބަގްގައި ކުރިއަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕުގައި ލޯ މެޑެލް ހޯދައި، 19 މިނެޓު 41.86 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ޖަރުމަނުގައި ދުވުމުގެ ތަމްރީނުތައް ހަދަމުން އަންނަ ޝަމްހާ ވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިދިޔަ އަހަރު އޭޕްރީލް މަހު ބޭއްވި އެ ސަރަހައްދުގެ އެންމެ ބޮޑު މެރަތަން ކަމަށްވާ ރަންތާލިޔާގެ އަންހެނުންގެ ރޭހުން ދެވަނަ ހޯދާފައެވެ.