ޗެލްސީގެ އެކެޑެމީގެ ކުޅުންތެރިން ވިއްކައިގެން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުލަބަށް 250 މިލިޔަން ޕައުންޑް ލިބިއްޖެއެވެ.
ޗެލްސީގެ އެކަޑެމީ ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ފަހުން އެ ކްލަބުން ވިއްކާލާފައިވަނީ ބާރންލީ އަށް އާމަންޑޯ ބްރޯހާ އެވެ. އޭނާ ވިއްކާލައިގެން ޗެލްސީއަށް ވަނީ 20 މިލިއަން ޕައުންޑް ލިބިފަ އެވެ.
ޓޮޑް ބޮއެލީ އެންޑް ކްލިއަލޭކް ކެޕިޓަލް އިން ޗެލްސީ ގަތް ފަހުން އެ ޓީމަށް ލިބޭ އާމްދަނީއަށްވުރެ ހަރަދުތައް ބޮޑުވެފައިވާކަމަށްބުނެ ޕްރިމިއާ ލީގުން ވަނީ އެ ޓީމުގެ މާލީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އަންގާފަ އެވެ. އަދި އެކަމަށް ޔޫއެފާ އިން ވެސް ވަނީ އެ ކްލަބަށް އަންގާފަ އެވެ.
އާމަންޑޯ ބްރޯހާ ވިއްކާލުމާއިއެކު މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެ ކްލަބަށް ވަނީ އެކަޑެމީ ކުޅުންތެރިން ވިއްކައިގެން 41.2 މިލިއަން ޕައުންޑް ލިބިފަ އެވެ. އޭގެ ތެރޭގައި ޑިފެންޑާރ ބަޝީރު ހަމްފްރޭސް އާއި އިޝޭ ސެމުއެލް ސްމިތް ހިމެނެ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ޓީމުގެ ފޯވަޑް ތައިރިގް ޖޯޖްގެ އިތުރުން ޓްރެވަރ ޗަލޮބާ ވެސް ވިއްކާލުމަކީ ކައިރި ކަމެއް ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
މި ސީޒަނުގައި ޗެލްސީ އަށް ކުޅުންތެރިން ވިއްކައިގެން އާމްދަނީގެ ގޮތުގައި 225.5 މިލިއަން ޕައުންޑް ލިބިފައިވާއިރު އެކަޑެމީ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ އަކީ ސާފު ފައިދާކަމަށް ބަލާތީވެ އެ ޓީމަށް ވަނީ މި ސީޒަނުގައި އިތުރު ކުޅުންތެރިން ހޯދުމަށް ފަސޭހަވެފަ އެވެ.
ޓްރާންސްފަރ ބާޒާރު އަންނަ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހަށް ހަމަވާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވަޑް އަލެހަންދްރޯ ގަރްނާޗޯ ހޯދުމަށް ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ލައިޕްޒިގްގެ ޒަވީ ސައިމަންސް އަށްވެސް އެ ކްލަބުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.