ޚަބަރު

ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގަށް މަޢުލޫމާތު ވަނީ އެއްކޮށްފައި: ފުލުހުން


  • ޖޫންމަހުގެ 1ވަނަ ދުވަހު 4 ގަޑިއިރަށް ކަރަންޓު ކެނޑުނު

  • މިކަން ތަހުގީގުކުރަން ރައީސް އެންގެވި

މިދިޔަ ޖޫން މަހުގެ ފުރަތަމަ ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުއްޖެއެވެ.

ފުލުހުން ވިދާޅުވީ ލިބިފައިވާ މަޢުލޫމާތަށްބަލައިި މި މައްސަލަ ދަނީ އިތުރަށް ތަޙްޤީގު ކުރަމުންކަމަށެވެ. ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކުރާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ޖޫންމަހުގެ 1 ވަނަ ދުވަހު މާލެ ސަރަހައްދުން ގާތްގަނޑަކަށް 4 ގަޑިއިރަށް ކަރަންޓް ކެނޑުނެވެ. ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކެނޑުނީ ކަރަންޓް ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިކަމާއި ގުޅިގެން އެއިރު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާކަމަށް ވިދާޅުވެފައެވެ.

މިއަދުވެސް މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. މުޅި ސަރަހައްދަށް އެއްކޮށް ކަރަންޓު ދެވިފައިވަނީ ގާތްގަނޑަކަށް ދެ ގަޤިއިރެއްހާއިރު ފަހުންނެވެ.