ޚަބަރު

އެސްޓީއޯއިން ފިޔާ ގެނެސް، ކިލޯއެއް 15 ރުފިޔާއަށް ވިއްކަން ފަށައިފި


  • އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިޔާ ލިބެން ހުންނާނެ

  • އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް ފިޔާ ލިބޭނެ

ބާޒާރުގައި ފިޔާ ލިބުން ދަތިވެ އަގު މައްޗަށް ދިއުމާގުޅިގެން އެކަން ހައްލުކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

މޫސުމީ ކަންކަމުގެ ސަބަބުން ރާއްޖެއަށް ފިޔާ ގެނައުމަށް ދިމާވި ދަތިތަކަކާއި ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން އެސްޓީއޯއިން ގެނައި ފިޔާ ޝިޕްމަންޓް އެކުންފުނީގެ މައި ފިހާރަ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލްސެންޓަރުން ވިއްކަން ފަށާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15 ރުފިޔާއަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު 40 ރުފިޔާއިން މައްޗަށް އުފުލުނެވެ. އޭގެ ފަހުން ކޮންމެވެސް ވަރަކަށް ފިޔާ ލިބެން ފެށުމުން އަގުވަނީ 20 ރުފިޔާއަށް ދަށްވެފައެވެ.

ފިޔާ ޢާންމުކޮށް ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެއެވެ.