ޚަބަރު

ދިވެހި ފިލްމު "ލޯބިން؟" ޕްރިމިއަރކޮށްފި


  • މިއީ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ލޯބީގެ ފިލްމު

ދިރިއުޅުމުގެ ޙަަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ލޯބިން؟" ޕްރިމިއަރކޮށްފިއެވެ.

މިއީ ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ލޯބީގެ ފިލްމެވެ.

" ލޯބިން؟" މި ފިލްމްއަކީ ދިރިއުޅުމުގެ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ކޯވިޑްގެ ލޮކްޑައުންތެރޭގައި އިއްލެ ލިޔަންފެށި މި ވާހަކަ މެދުކެނޑުމަކަށްފަހު އަލުން ވާހަކަ ލިޔުންތެރިޔައަކާ ހަވާލުކޮށްގެން ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މި ފިލްމްއަށް އެންމެ ފުރަޔަމަ ކިޔަން ނިންނީ "އެދުން"މިއެވެ.

މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ޝޫޓިންގެ މަސައްކަތްތައް ނިންމާލާފައިވަނީ 28 ދުވަހުންނެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އދ. ދަނގެއްޗާއި ނ. ކެނދިކުޅުދޫގައެވެ.

މި ފިލްމަކީ އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓްރީ އަދި ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ މައިގަނޑު ރޯލްތަކުން ފެންނާނީ ފާތިމަތު މައިޝާ އާދަމް (ތާތި) އާއި އިފްނާޒް ފިރާގް އަދި އަޙްމަދު ޝާރިފްއެވެ. މީގެ އިތުރުން ނުޒުހަތު ޝުއައިބާއި އައިމިނަތު ރަޝީދާ، އާއިޝަތު ގުލްފާ އަދި ކުޑަކުއްޖެއްގެ ރޯލުން ސާރާ ފެނިގެންދާނެއެވެ.

އިއްލެގެ ރަތަމަ ފިލްމް "ބަވަތި"ގެ ލީޑު ރޯލުން ފެނުނު އިފްނާޒްވަނީ މި ފިލްމްގެ އެކްތަރުގެ އިތުރުން އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްްކޮށްފައެވެ. އަދި ފިލްމުގައި ހިމެނޭ ބައެއް ލަވަތައްވެސް އޭނާ ވަނީ ކިޔާފައެވެ.