ކުޅިވަރު

ފަހްރުއްޒަމާނަށް އަނިޔާވެއްޖެ، ބަދަލުގައި ބާބަރް އަޒަމް


އޭޝިޔާ ކަޕުގައި ކުޅޭ ޕާކިސްތާނު ޓީމަށް ކުރީގެ ކެޕްޓަން ބާބަރް އަޒަމް ގެނައުމަށް ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ވިސްނަން ފަށައިފި އެވެ.

މި ގޮތަށް މަސައްކަތް ކުރަން ފެށީ 20 އޯވަރުގެ މުބާރާތްތަކުގައި މިހާރު އިނިންގްސް ހުޅުވަން ނުކުންނަ ކުޅުންތެރިޔާ ފަހްރުއްޒަމާނަށް އަނިޔާވުމުންނެވެ. ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނީ ފަހުރުއްޒަމާނަށް އަންނަ މަހު ފަށާ އޭޝިޔާ ކަޕުގައި ކުޅެވޭނެ ކަމާމެދު ޝައްކު ކަމަށެވެ.

އޭނާގެ ބަދަލުގައި ޓީމަށް ގެނައުމަށް މަސައްކަތް ކުރާ ބާބަރް ވަނީ ދާދި ފަހުން ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރ މޮހްސިން ނަގްވީއާ ބައްދަލުކޮށްފަ އެވެ.
ހުސްވި އަހަރު ޕާކިސްތާނުގައި ބޭއްވި އޭޝިޔާ ކަޕާއި އޭގެ ކުރީ އަހަރު އިންޑިޔާގައި ބޭއްވި ވޯލްޑް ކަޕުގެ ނަތީޖާތަކަށް ބެލުމަށް ފަހު ޕާކިސްތާނުގެ ޓީމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ގޮތުން ޓީމުން ޖާގަ ގެއްލުނު އެއް ކުޅުންތެރިއަކީ ބާބަރް އެވެ.

އޭނާ އަށް އަލުން ގައުމީ ޓީމުން ޖާގަ ލިބެން އޮތީ ކުޅުން ރަނގަޅު ކޮށްފިނަމަ އެވެ. މި ގޮތުން މި މަހު ވެސްޓް އިންޑީޒްއާއެކު ޕާކިސްތާން ކުޅޭ މެޗުގައި އޭނާ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ އެކަން ވެގެންދާނީ އަލުން ގައުމީ ޓީމަށް އައުމަށް ބާބަރަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެ އެވެ.

އޭޝިޔާ ކަޕުގައި ކުޅެނީ އަށް ގައުމަކުންނެވެ. މި ގޮތުން ގްރޫޕް އޭގައި ހިމެނެނީ ޕާކިސްތާނާއި އިންޑިޔާ އާއި ޔޫއޭއީ އާއި އޮމާނެވެ. މީގެ ތެރެއިން މުބާރާތް ބާއްވާ ގައުމަކީ ޔޫއޭއީ އެވެ. ގްރޫޕް ބީގައި ހިމެނެނީ އަފްގާނިސްތާނާއި ބަނގްލަދޭޝް އާއި ހޮންކޮން އަދި ސްރީލަންކާ އެވެ.