ޚަބަރު

ފާއިތުވި 14 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމާ އެކު ރަޝިޔާއާއި ޖަޕާނަށް ސުނާމީއެއް، އެމެރިކާއަށް ސުނާމީގެ އިންޒާރު


ފާއިތުވި 14 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމާ އެކު ޖަޕާންގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ސުނާމީއެއް އަރައި، ރަޝިޔާގެ އިތުރުން އެމެރިކާގެ ހުޅަނގު ފަރާތުގެ އައްސޭރިފަށުގެ ރަށްތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ. ރަޝިޔާގެ ކަމްޗާތުކާގެ އައްސޭރިފަށަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 8.8ގައެވެ. މިއީ، ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ރެކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ ލޮޅުމެކެވެ.

ބިންހެލުމާ އެކު އުފެދުނު ސުނާމީގެ ފުރަތަމަ ރާޅުތައް ވަނީ ޖަޕާންގެ އައްސޭރިފަށުގެ ސަރަަޙައްދުތަކަށް އަރާފައެވެ. ރާޅުތަކުގެ އުސްމިން ރެކޯޑު ކުރެވިފައި ވަނީ 40 ސެންޓިމީޓަރުގައެވެ. އެންމެ ފުރަތަމަ ރާޅުތައް އަރާފައި ވަނީ ޖަޕާންގެ ހޮއްކައިދޯގެ އައްސޭރިފަށުގެ ރަށްތަކަށެވެ. ސުނާމީއާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައެއް ނެތެވެ.

ސުނާމީގެ އިންޒާރާ އެކު ޖަޕާންގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް، ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އެ ސަރަޙައްދަށް 3 މީޓަރުގެ ރާޅުތައް އަރާނެ ކަމުގައި ކަމާ ގުޅޭ އިދާރާތަކުން އަންދާޒާ ކުރެއެވެ. 2011ވަނަ އަހަރު އައި ބިންހެލުމާއި، ސުނާމީގެ ސަބަބުން ގެއްލުންވި ފުކުޝިމާ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

އެމެރިކާގެ ހުޅަނގު ފަރާތުގެ އައްސޭރިފަށުގައި އޮތް ހަވާއީއާއި ކެލިފޯނިޔާ ސްޓޭޓަށް ވެސް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ. އަދި، އެ ސަރަޙައްދުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށާފައެވެ. ނަމަވެސް، އެމެރިކާގެ ކަމާ ގުޅޭ ތަޖުރިބާކާރުން ބުނީ، ސުނާމީގެ ސަބަބުން ކެލިފޯނިޔާ ސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމުގައެވެ.

ރަޝިޔާގައި ބިންހެލުމާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެއީ، އެ ޤައުމުގެ އެންމެ އިރުމަތީ ސަރަޙައްދުގައެވެ. ސުނާމީގެ ރާޅުތައް އަރައި، ރަޝިޔާގެ ސެވެރޮ-ކުރިލްސްކް ސަރަޙައްދުގައި ފެން ބޮޑުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ބިންހެލުންތައް ދިރާސާ ކުރާ ޔޫއެސް ޖިއޮލޮޖިކަލް ސަރވޭން ބުނީ، ޖަޕާންގެ ކަމްޗާތުކާއަށް އައިސްފައިވާ ބިންހެލުމަކީ، ތާރީޚުގައި ވެސް މިހާތަނަށް ރެކޯޑު ކުރެވިފައިވާ ހަވަނައަށް އެންމެ ބާރުގަދަ ލޮޅުން ކަމުގައެވެ.