ޚަބަރު

ތަރައްޤީގެ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ސްރީލަންކާގެ ރައީސާއެކު މަޝްވަރާކުރައްވައިފި


  • އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު

ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ސްރީ ލަންކާއި ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކުރައްވާފައެވެ. ވަޒީރު ޒަމީރާއި ލަންކާގެ ރައީސް ދެމެދު ކުރެވުނު މަޝްވަރާތަށް މައިގަނޑު ގޮތެއްގައި ބިނާވެގެންދިޔައީ ރާއްޖޭގެ ތަރައްޤީއާ އިޤްތިޞާދީ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި މިގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވިފައިވެއެވެ.

ސްރީލަންކާގެ ރައީސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ކަމާއި ގުޅުން ހުރި އެކި ދާއިރާތަކުގެ ބޭފުޅުންނާއި ދަނީ ބައްދަލުކުރައްވަމުންނެވެ. އަދި ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމުގައި އެއް ޤައުމުން އެނެއް ޤައުމަށް އެހީވުމަށް މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެއެވެ.

ލަންކާ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާއެކު ދެ އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައެވެ.