ޚަބަރު

މިނިވަންދުވަހުގެ ހަރަކާތްތަކާއި ގުޅިގެން މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ނުދުއްވޭ ގަޑިތަކެއް


  • މަނާ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ އޮންނަނީ ސަލާމަތީ ބާރުތަކަށާއި އެމްބިއުލާންސް އަދި ބަސް ދަތުރުތަކަށް

މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން މާދަމާއިން ފެށިގެން ގްރޭޓަރ މާލެ އޭރިއާގައި ވަކި ގަޑިތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެ ސަރަޙައްދުގައި މިމަހުގެ 25 އިން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް ބާއްވާ ހަރަކާތްތަކާއި ގުޅިގެން މަގުމަތީގެ ސަލާމަތަށްޓަކައި ބައެއް ގަޑިތަކުގައި މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި 25 ވަނަ ދުވަހު ބަރު އުޅަނދުތަކުގެ ތެރެއިން ކެޓަގަރީ E D C2, C0, އަދި V ކެޓަގަރީގައި ހިމެނޭ އުޅަނދުތައް މެންދުރުފަހު 1:00 އިން ހަވީރު 6:00 ޖެހުމާއި ހަމައަށް އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި 26 ވަނަ ދުވަހު މާލެ ސަރަޙައްދުގައި މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސީ 6:30އާ ހަމައަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން މިމަހުގެ 27 ވަނަ ދުވަހު ހަވީރު 6:00 އިން ފެށިގެން މެންދަމު 12:00 ޖެހުމާއި ހަމައަށް ކެޓަގަރީ E D C2, C0, އަދި V ކެޓަގަރީގައި ހިމެނޭ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ އޮންނާނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސްގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތްތައްކަމަށެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ އިތުރުން ފުޅަނދުބުރާއި އާންމުންނަށް ބައިވެރިވެވޭ ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމުކޮށްފައެވެ. މި ހަރަކާތްތަކަށްޓަކައި މާލެއާއި ހުޅުލެ އަދި ހުޅުމާލެ ހިމެނޭހެން މަގުމަތީގެ ޓްރެފިކަށް ބޮޑުބަދަލެއް ގެނައުމަށްވަނީ ހަމަޖެހިފައެވެ.