ސްކޫލް ބަންދާ ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން “ސޭފް ހޮލިޑޭސް” ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ، މާލެ ފްރޮންޓްލައިން ޕޮލިސިންގގެ ނެއިބަރހުޑް ސަޕޯޓުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން މި ހިނގާ ޖުލައި މަހުގެ 22 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ފުލުހުން ވަނީ މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ.
"ސޭފް ހޮލިޑޭސް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން މާލޭގައި ރައްޔިތުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ވިޔަފާރިތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޗުއްޓީއަށް ފުރުމުގެ ކުރިން ރައްޔިތުންގެ ގެދޮރާއި އަގުހުރި ތަކެއްޗަށް ގެއްލުމެއް ލިބުމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ކިޔައިދެއްވާފައެވެ.
މީގެއިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާއި، ޓްރެފިކް އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތްތަކާމެދު އާންމުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބަހާފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކާ ގުޅިގެން، އެކަންކަމަށް އާއްމުން ހޭލުންތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން، ފަހަކަށް އައިސް ރާއްޖޭގެ ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާތީ އެކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން މިހާރު ފައްޓަވާފައިވާ އެންމެ މުހިއްމު މަސައްކަތަކީ މަގުތަކަށް ނިކުމެ، ސީދާ އުޅަނދުތައް ދުއްވާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެވެ.
މި މަސައްކަތުގެ ތެރެއިން ވެސް ފުލުހުން ގެންދަވަނީ ތަފާތު އެކި ހަރަކާތްތައް ހިންގަވަމުންނެވެ.