އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ކުރިން އޭޝިޔާއަށް އާސެނަލް މިހާރު ކުރަމުންދާ ދަތުރުގައި އިއްޔެ ސިންގަޕޫރުގައި އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މި މެޗުން އާސެނަލް މޮޅުވެފައިވާއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލް އަށް ކާމިޔާބުކޮށްދީފައިވަނީ ބުކަޔޯ ސަކާ އެވެ.
ނަމަވެސް އެކުވެރިކަމުގެ މި މެޗު ހަމަޖައްސާފައިވާ ގޮތުން މެޗުގެ ފުރިހަމަ ވަގުތުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ޕެނަލްޓީ ޖެހުމަށް ދެ ޓީމުން ވަނީ އެއްބަސްވެފަ އެވެ. އަދި ޕެނަލްޓީ ޖަހައިގެން 6-5 އިން ކުރި ހޯދާފައިވަނީ އޭސީ މިލާނެވެ.
އާސެނަލް އާއި އަލަށް ގުޅުނު މާޓިން ޒުބިމެންޑީ އާއި ކްރިސްޓިއަން ނޯގާޑްގެ އިތުރުން ކީޕަރު ކެޕާ ވަނީ މި މެޗުގައި އާސެނަލް އަށް ކުޅެފަ އެވެ. އަދި އޭޝިޔާއަށް ކުރި ދަތުރުގައި އާސެނަލްގެ އެކަޑަމީ އިން ނެގި 15 އަހަރުގެ ޒުވާން ދެ ކުޅުންތެރިންވެސް ވަނީ މި މެޗުގައި ކުޅެފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނެފައިވަނީ 15 އަހަރުގެ މާލީ ސަލްމަން އާއި މެކްސް ޑޯމަންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.
އޭޝިޔާއަށް އާސެނަލް ކުރި ދަތުރުގައި އާޓޭޓާ ވަނީ އެ ޓީމުގެ އެކަޑެމީގެ ހަތް ކުޅުންތެރިއަކު ސްކޮޑުގައި ހިމަނާފަ އެވެ.