ޚަބަރު

މިނިވަންދުވަހުގެ ހަރަކާތްތަކަށް ގްރީން ޒޯން ސަރަޙައްދުން އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފި


  • ގްރީން ޒޯން ހިމެނޭ ސަރަޙައްދާއެކު، ބޮޑު ސަރަޙައްދެއް ހިމެނޭ

  • އުޅަނދުތައް ނެގުމަށް އަންގާފަވަނީ މާދަމާގެ 18:00އާ ހަމައަށް

  • ނުނަގާ އުޅަނދުތައް ރީލޮކޭޓްކޮށް، ގަވައިދާ ޚިލާފައި ޕާކުކޮށްފަ ހުންނަ އުޅަނދު ޓޯކުރާނެ

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން، މާލޭގެ ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަޙައްދަކުން، އެއްގަމު އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

ވެހިކަލް ނެގުމަށް އަންގާފަވާ ސަރަޙައްދުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ބީއެމްއެލްއިން ފެށިގެން ލޯކަލް މަރުކޭޓާ ހިސާބަށް ޕާކުކޮށްފަވާ ވެހިކަލްތައް ނަގަން ވަނީ އަންގާފައެވެ. އަދި އަމީރު އަޙުމަދު މަގާ، މެދުޒިޔާރަތް މަގާ، ރައްޔިތުންގެ މަޖިލިސް ވަށައިގެންވާ މަގުތައްވެސް ހިމެނެއެވެ. މީގެއިތުރުން ޗާންދަނީ މަގާ ލިލީ މަގުން ބައެއްވެސް ވަނީ ހިމަނާފައެވެ.

ވެހިކަލްތައް ނެގުމަށް އަންގާފަވާ ސަރަޙައްދުތަކުގެ ޗާޓު، ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވަނީ އާއްމުކޮށްފައެވެ.


ފުލުހުން ވިދާޅުވީ އެ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް މާދަމާގެ 18:00 ގެ ކުރިން ނެގުމަށް އެދޭކަމަށެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ނުނަގާ ހުންނަ އުޅަނދުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށާއި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކާ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި މަގުތަކުގައި އާއްމުންނަށް ބައިވެރިވެވޭގޮތަށް ހިންގާ ގިނަ ހަރަކާތްތައްވެސް ހިމެނެއެވެ.