ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޓްބޯޅަ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަނަދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
އަތޮޅު ތެރޭގައި ކުރިއަރަމުން އަންނަ ކުޅިވަރުތަކުގެ ތެރެއިން ވަކިން ޚާއްސަކޮށް އަންހެން ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާ ކުޅިވަރުތައް ތަރައްޤީކުރުމަށް ސަރުކާރުން ގެެންގުޅުއްވާ ވިސްނުންފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިފަދަ ކުޅިވަރުތަކަށްވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދެއްވައިގެން ކުރިއެރުވުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
ދާދި ފަހުން ތަޞްދީޤުކުރެވުނު ކުޅިވަރު ޤާނޫނުންވެސް ދެޖިންސުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް ލާޒިމުކޮށްފަވާކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ކުޅިވަރަށް އުފާވެރިކަން ގެނެސްދިން އަހަރެއްކަމަށެވެ. އިޞްލާޙުތަކަކާއެކު ކުޅިބަރު ޤާނޫނު ތަޞްދީޤުކުރެވުނުއިރު ޤާނޫނުން ދެ ޖިންސުގެ ދެމެދުގައި ހަމަހަމަކަން ލާޒިމުކޮށްފައިވުމާއެކު ކުޅިވަރުގެ ބިލުން ޖިންސީ ތަފާތުކުރުންތައް ނައްތާލާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަންހެނުން ބާރުވެރިކުރުވާ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެއްވާނެކަމަށާ ކުޅިވަރުގެ މައިދާނުގައިވެސް އެކަން އެގޮތަށް ހިންގާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އެގޮތުން އަންހެން ބޭފުޅުންނަށް ޚާއްސަ ކުޅިވަރެއްކަމުގައިވާ ނެޓްބޯޅަ މުޅި ރާއްޖެއަށް ފުޅާ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށާއި އެހެންކަމުން މިކުޅިވަރު ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާ ކުރެއްވުމަކީ ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ދެ ޖިންސުގެ ހަމަހަމަކަމަކީ އަޅުގަނޑުމެން ކުޅިވަރުގައި އަދި ޚާއްސަކޮށް މިއަހަރަކީ އަޅުގަނޑުމެންގެ ކުޅިވަރަށް ގެނައި ޤާނޫނުގައި އަލަށް ރާއްޖޭގައި ޤާނޫނުގެ ބާރު އެގޮތަށް ދީގެން ދެ ޖިންސަށް ހަމަހަމަކަން ހޯދައިދެވިފަ މިހާރު މިވަނީ ކުޅިވަރުގެ ބިލުގަވެސް. އެހެންވީމާ ހަމަ އެގޮތުގެމަތިން އަންހެން ބޭފުޅުން ކުޅުއްވާ ކުޅިވަރުތައް ވަކިން ޚާއްސަކޮށް ނެޓްބޯލް ހަމަ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢެއްވެސް ރައީސްގެ ވަޢުދުފުޅުތަކުގައި އޮތުމާއެކު އެކަމަކީވެސް ހަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނެކަމެއް" ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.
ނެޓްބޯޅައަކީވެސް ރާއްޖޭގައި ގިނަބަޔަކު ޝައުގުވެރިކަމާއެކު ކުޅެމުންދާ ކުޅިވަރެކެވެ. މިގޮތުން ޤައުމީ ފެންވަރުގަވެސް ނެޓްބޯޅައިގެ މުބާރާތް ބޭއްވޭއިރު ބައިނަލްއަޤްވާމީ މައިދާންތަކުގައިވެސް ރާއްޖެއިން ދަނީ މިކުޅިވަރުގައި ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިމަހު ކުރީކޮޅު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ޖޫނިއާ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށްލެވެއެވެ.
އެމުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޖޫނިއާ ނެޓްބޯޅަ ޓީމުންވަނީ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ރަނަރަޕްކަން ހޯދާފައެވެ. އަދި މިކާމިޔާބީގެ ސަބަބުން އޭޝިއާގެ ޖޫނިއާ ނެޓްބޯޅަ ރޭންކިންގައި ހަތަރު ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއަށް ލިބިފަވާއިރު، ރާއްޖޭގެ މިހާރުގެ ރޭންކިންއަކީ ހަތްވަނައެވެ.