މޫސުމަށް އަންނަ ބަދަލުތަކާއި ބިންހެލުން އަދި ސުނާމީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބ.އަތޮޅުގެ ދެ ރަށެއްގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ފަށްޓަވައިފިއެވެ.
މިއީ ޤުދުރަތީ ކާރިސާތަކުން ބިންތިރި ހިސާބުތަކަށް ލިބޭ ގެއްލުން ކުޑަކުރުމާގުޅޭ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ކާރިސާތަކާ ބެހޭގޮތުން މަޝްވަރާކުރައްވަން ތިން ކަރުދާހެއް ހުށަހަޅުއްވާނެކަމަށް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވިއެވެ. މީގެ ތެރޭގައި މޫސުން ކުރިއަށް ލަފާކުރައްވާގޮތާއި އޭގައި ބޭނުންކުރެވޭ ބަސްމަގާބެހޭ ކަރުދާހަކާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކަރުދާހަކާއި ބިންހެލުމާއި ސުނާމީއާބެހޭ ކަރުދާހެއްވެސް ހިމެނޭކަމަށް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބ.އަތޮޅު ގޮއިދުއާއި މާޅޮހަށް ދިމާވާ ޤުދުރަތީ ކާރިސާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށާއި ބިންހެލުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ސުނާމީއާ ގުޅޭގޮތުން މި ދެރަށުގެ ބެލެނިވެރިންނާއި ސްކޫލްކުދިންނަށް މަޢުލޫމާތުދެއްވުމަށް ހަމަޖެހިފައިވާކަމަށް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވެއެވެ.