ޚަބަރު

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ 5 ފަންގިފިލާގައި ޝީޓް އަޅާ ނިމިއްޖެ


  • މިމަޝްރޫޢުގެ 35 އިންސައްތަ ވަނީ ނިމިފައި

އޮޑިޓަރ ޖެނެރަލް އޮފީހުގެ 6 ބުރީގެ ޢިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ޢިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.

އެމްޓީސީސީން ވިދާޅުވީ އޮޑިޓަރ ޖެނެރަލް އޮފީހުގެ 6 ބުރީގެ ޢިމާރާތުގެ 5 ވަނަ ފަންގިފިލާއާ ހަމައަށް ޝީޓް އަޅާ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ 4 ވަނަ ފަންގިފިލާގެ ޑީއީ ޝަޓަރިންގ މަސައްކަތްތަކާއި 5 ވަނަ ފަންގިފިލާގެ ކޮލަމް ރިއިންފޯސްމަންޓްގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. މިއިމާރާތުގެ މަސައްކަތުގެ 35 އިންސައްތަ މިހާރުވަނީ ނިމިފައެވެ.

..

އެމްޓީސީސީން ވިދާޅުވީ އޮޑިޓަރ ޖެނެރަލް އޮފީހުގެ މި ޢިމާރާތަކީ، 17426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77718.10 އަކަފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްގީ ކުރާ އިމާރާތެއް ކަމަށެވެ. 6 ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

730 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މިމަޝްރޫޢަކީ 138.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ވަނީ ވޭތުވެދިޔަ 3 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް
މަސައްކަތް ނިންމާފައެވެ.