ފަޤީރުންނާ މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރިވާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.
ދަފްތަރުގައި ރެޖިސްޓްރީވެވޭނީ އެކަމަށް ޚާއްސަކޮށްފަވާ ފޯމު މެދެވެރިކޮށެވެ.
ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރެޖިސްޓްރީވާން ބޭނުންވާ މީހުން، ފޯމު ހުށައަޅާ ފަރާތުގެ މަޢުލޫމާތާއި، ދަރީންގެ މަޢުލޫމާތާއި އަދި އާމްދަނީއާއި ޚަރަދުތަކާ ގުޅޭ މަޢުލޫމާތު ފޯމާއެކު ހުށައަޅަންޖެހޭނެއެވެ. މިކަމުގެ ތަފްސީލްތައް ފޯމާއެކު ވަނީ ހިމަނާފައެވެ.
ޒަކާތު ހައުސްގެ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބާލާއިރު، ރާއްޖޭގައި ފަޤީރުންނާ މިސްކީނުގެ ގޮތުގައި 2852 މީހުން ދަފްތަރުކޮށްފައި އެބަތިއްބެވެ. މި ފަރާތްތަކަށް އެހީގެގޮތުގައި ބޮޑު ހޭދައެއް ޒަކާތު ފަންޑުން އަންނަނީ ކުރަމުންނެވެ.
ޒަކާތު ހައުސްގެ ފަރާތުން ޢާންމުކޮށް ހުޅުވާލެވިގެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން...https://t.co/jCcG4CHvMS
— Maldives Zakat House (@ZakatHouseMv) July 20, 2025
#zakathousemv #maldiveszakathouse pic.twitter.com/O69wztnNmW
އެގޮތުން ނިމުނު ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ފަޤީރުންނާ މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފަވާ ފަރާތްތަކަށް 14.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ޙާއްސަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޟަރޫރީ އެހީގެ ގޮތުގައި 12000 ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފަވެއެވެ. އަދި ފަގީރުންނާ މިސްކީނުންގެ ބޭސްފަރުވާއަށް ޒަކާތު ފަންޑު މެދުވެރިކޮށް 104 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފަވެއެވެ. އެހީގެ ގޮތުގައި 1.7 މިލިޔަން ރުފިޔާ ހަމަޖައްސާފަވާއިރު، 1.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ކެންސަރާ އެކި ކަހަލަ ބޮޑެތި ބަލިތަކުގެ ފަރުވާ ހިމެނެއެވެ.
ރާއްޖޭގައި ޒަކާތު ހައުސިން ޤާއިމުކުރީ 2024ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މިއީ ޒަކާތުގެ ކަންކަން ހަރުދަނާކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން އުފެއްދެވި އިދާރާއެކެވެ.