ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ، އުތުރުގެ ކަނޑުތައް ގަދަވާންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރަމުންދާ ވިއްސާރަ އަންގާރަ ދުވަހާ ހަމައަށް ދެމިގެން ދާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރު ފަހު 03:30 ހާހަމައަށްށެވެ.
..Alert White for strong winds of 19 - 24 mph and gusts of 40 mph with rough seas. pic.twitter.com/Yufmofo4jl
— Maldives Meteorology (@MetMaldives) July 20, 2025
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެއިދާރާއިން ވިދާޅުވިއެވެ. މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 13.3 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އފީހުން ވިދާޅުވިއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 އާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ވައިގަދަވެފައި ވަނީވެސް ހުޅުލެއަށްށެވެ. އެގޮތުން ހުޅުލެއަށް 56 މޭލު ބާރުމިނުގައި ވައިޖެހިފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތަށް ގަދަވާނެކަމަށާއި، ޚާއްސަކޮށް އުތުރުގެ ކަނޑުތައް ބޮޑަށް ގަދަވާނެކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.