ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާޅޮސްމަޑުލު އުރުތުބުރީ ދުވާފަރުގައި ބީއެމްއެލް އިސްލާމިކްގެ ބްރާންޗެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ބްރާންޗުގައި ޚިދުމަތްދެމުންދާނީ އިސްލާމީ ޝަރީއާއި އެއްގޮތަށް ކަމަށެވެ. އަދި މިއީ ބީއެމްއެލްގެ 40 ވަނަ ބްރާންޗުކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ.
ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި، މަޖިލިސް މެމްބަރުންގެ އިތުުރުން އެރަށު ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރައްޔިތުންނަށް ރަށުގައި ތިބެގެން ގިނަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އަދި ރައީސްގެ މި ތަސައްވުރާއެކު، ބީއެމްއެލްގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެބޭންކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ދުވާފަރަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ރަށުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަކީ ރަށު ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ކަމެއްކަމަށެވެ. އަދި މި ޚިދުމަތާއެކު ރަށު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ، ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ހުޅުވުނު ފުރަތަމަަ "ޕޭޕަރ ލެސް" ނުވަަަތަ ޑިޖިޓަލް ބޭންކިންގ ނިޒާމުކަމަށެވެ. އަދި މި ފަދަ ނިމާޒެއް ބޭނުންކުރުމުގެ މުހިންމުކަމާއި އެކަމުގެ ސަބަބުން ލިބިގެންދާނެ ފަސޭހަތައް އޭނާ ފާހަގަކުރެއްވިއެވެ.
ދުވާފަރު ބްރާންޗުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ. އަދި ރަސްމީ ގަޑިގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތަކާއި، ކާޑުގެ ޚިދުމަތްވެސް ލިބޭނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ. މީގެ އިތުރުން، މި ބްރާންޗުން ޚިދުމަތް ފޯރުކޮށްދޭނީ އިސްލާމީ ޝަރީއާއި އެއްގޮތަށް ކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.
މި އައު ބްރާންޗާއެކު މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިންގ ވިއުގަ މިވަނީ ފުޅާވެފައެވެ. އެގޮތުން 20 އަތޮޅެއްގައި 39 ބްރާންޗް، 133 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އަދި 200އަށްވުރެ ގިނަ ކޭޝް އޭޖެންޓު މެދުވެރިކޮށް ބީއެމްއެލުން ދަނީ ބޭންކިންގެ ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމަޢުއަށްވެސް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލުން ވިދާޅުވެއެވެ
1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގައެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ ގޮތަށް ބޭންކުން ދަނީ ޚިދުމަތްތައް ފުޅާކުރަމުންނެވެ. ދުވާފަރުގައި މިއަދު ހުޅުވުގެން ދިޔައީ ބޭންކުގެ 40 ވަނަ ބްރާންޗެވެ.