ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހި ސިފައިންގެ ކުލަބުން ކުޅުނު ފުރަތަމަ މެޗުން ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯސްޓް ކުލަބުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ހެލްޕް ނޭޕާލުން ކާމިޔާބު ކުރީ ފަސް ސެޓުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެޓީމުން ހަމަހަމަ ކުޅުމެއްދެކި ސެޓު ހެލްޕް ނޭޕާލުން ކާމިޔާބު ކުރީ 33-31 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ސިފައިންގެ ޓީމުން އެދެވޭ ކުޅުމެއް ނުދެއްކުމުން ނޭޕާލު ޓީމުން މި ސެޓު ގެންދިޔައީ 25-20 އިންނެވެ. ފުރަތަމަ ދެސެޓް ހެލްޕް ނޭޕާލުން ކާމިޔާބު ކުރުމާއެކު ޖެހިގެން އައިސެޓު ކާމިޔާބުކޮށް މެޗު ނިންމާލާނެ ކަމަށް ބެލެވުނަސް އެ ސެޓް 25-22 އިން ކާމިޔާބުކޮށް ސިފައިންގެ ޓީމުން އިތުބާރު ދެމެހެއްޓިއެވެ.
މެޗުގެ ތިންވަނަ ސެޓުން ހޯދި އިތުބާރާއެކު ސިފައިންގެ ޓީމުން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް މެޗުގެ ފޯރިގަދަކޮއްލިއެވެ. ހަތަރު ވަނަ ސެޓު ސިފައިންގެ ޓީމުން ގެންދިޔައީ 25-20 އިންނެވެ.
މިއާއެކު ނަތީޖާ ނެރުމަށް ކުޅުނު ސެޓު ހެލްޕް ނޭޕާލު ޓީމުން ކާމިޔާބުކޮށް މެޗުން މޮޅުވީ 7 ޕޮއިންޓުގެ ލީޑަކާ އެކުއެވެ. މި ސެޓް ހެލްޕް ނޭޕާލް ކާމިޔާބު ކުރީ 15-8 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.